ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓާއި ގުޅޭގޮތުން ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމާއި ގުޅިގެން، ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް މިކަންކަން އިޞްލާޙުކުރުމުގައި ޢަމަލުކުރާނީ ކިހިނެއްތޯއާއި، މި ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުންކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.





ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ރައީސް ޞާލިހުގެ އިތުރުން، ނާއިބު ރައީސް، ޑިފެންސް މިނިސްޓަރ، ހޯމް މިނިސްޓަރ، ކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސް، ބަންޑާރަ ނާއިބު އަދި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ "ޕާލަމެންޓްރީ އިންކުއަރީ" ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

މި ރިޕޯޓް ދައުލަތުގެ ތިން ބާރުގެ އެންމެ އިސް ވެރިންނަށް މިހާރު ވަނީ އަރުވާފައެވެ.

241 ކޮމެޓީން ކުރިއަށްގެންދިޔަ ޕާލަމެންޓްރީ އިންކުއަރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އެ ދެ މުއައްސަސާގެ ވަކިވަކި މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކުރިއެެވެ. އަދި ބައެއް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ވެރިންނާއި ކަމާގުޅޭ މުވައްޒަފުންވެސް ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މުއައްސަސާތަކުގެ މަސައްކަތް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާއި މަޖިލީހުގެ ބައެއް ލަފަޔާއި އިރުޝާދު، ޖުމުލަ 271 ސަފްހާގެ މައްޗަށް އެކުލެވޭ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން