އަހުމަދު މަސްނޫމް   13 ޖުލައި 2021 - 15:7
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް މިދިޔަމަހު 1.19 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މިދިޔަމަހު މީރާއަށް 1.19 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 326.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި، ޖޫން 2021 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެވެސް 3.2 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖޫން 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމެވެ. މިގޮތުން، ޖޫން 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2021 ގައި އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، މިވަރަށް އާމްދަނީ ލިބިފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، ޖޫން މަހުގެ ތެރޭގައި އައިސްފައިވާ ބައެއް ސުންގަޑިތައް ފަސްކޮށްފައި ވަނިކޮށްކަން ވެސް މީރާއިން ފާހަގަކޮށްފައި ވެއެވެ.

ޖޫން 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ އެސް ޓީ އެވެ. އެއީ 44.6 އިންސައްތަ ނުވަތަ 529.38 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 31.1 އިންސައްތަ ނުވަތަ 369.53 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 94.80 މިލިއަން ރުފިޔާ (8.0 އިންސައްތަ)، ގްރީން ޓެކްސްގެ ގޮތުގައި 59.90 މިލިއަން ރުފިޔާ (5.0 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 30.34 މިލިއަން ރުފިޔާ (2.6 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 102.64 މިލިއަން ރުފިޔާ (8.6 އިންސައްތަ) ޖޫންމަހުގެ އާމްދަނީގެ ތެރޭގައި ހިމެނެއެވެ.

ޖޫން 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 54.98 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށް އެ އިދާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން