އިދިކޮޅު ޕީޕީއެމްގެ އޮފީސް
އިދިކޮޅު ޕީޕީއެމްގެ އޮފީސް
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ކުރިން ތަޙުޤީޤު ނިމިފައިވާ މައްސަލައެއްގެ ތަޙުޤީޤު އަލުން ފަށާފައިވަނީ، ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމަށް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 9 އަދި 11ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގައި އެންމެހާ ބަޔާން ތަކުގައި ސޮއި ކުރައްވައި ތަޙުޤީޤު މުޅިން ނިމިފައިވާ މައްސަލައަކާ ގުޅިގެން ކަމަށްވުމީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައިގެ ތަޙުޤީޤު އަލުން ފަށާފައި މިވަނީ، ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅުން ބުނެއެވެ.

އަދި މައްސަލަ ކުރިއަށް ގެންދާ ގޮތާއިމެދު ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަޙުޤީޤު ނިމިފައިވާ މައްސަލައެއް އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ.

މިފަދައިން ތަހުގީގު ނިމި ބަޔާންނަގާ ބަޔާން ތަކުގައި ސޮއިކޮށް ނިމިފައިވާ މައްސަލަތައް އިރުއިރުކޮޅާ ނަގައި ތަހުގީގުތައް ތަކުރާރު ކުރާނަމަ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި ހުންނަ ފަރާތެއްގެ ތަހުގީގު ނިމޭނެ ދުވަހެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު އެ މައްސަލައިގެ ތެރެއަށް އިތުރު ކަންކަން ވައްދައި، އެމަނިކުފާނަށް ދެމުން ގެންދާ ނުޙައްޤު އަނިޔާ ތަކުރާރު ކުރުމުގެ ބޭނުމަކީ، ސަރުކާރު ނިސްބަތްވާ ޕާޓީގެ ކުދިން ރުއްސުން ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި، ޤާނޫނު ތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް، ޤާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރުމަށް ގޮވާލާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ސިޔާސީ ފަރާތްތަކުންވެސް ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލައި ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާ ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި ފުލުހުން ގާނޫނީ އިންޒާރުދިން ގޮތް ގޯސްވެ މައްސަލައިގެ ބަޔާން އަލުން ނަގަން ޕޮރެސެކިއުޓަރ ޖެނެރަލް ފުލުހުންނަށް ވަނީ އަންގަވާފައެވެ.

ރައީސް ޔާމީންގެ ދިފާޢީ އިސް ވަކީލް ޑރ. ޖަމީލު ވިދާޅުވީ ގާނޫނީ އިންޒާރުދީ ރައީސް ޔާމިންގެ ބަޔާން ގަދަކަމުން ނެގުމަށް އުޅުމުން، އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި، އަދި، އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ‏ދިނުމަށް އެދުމުން ވެސް އެފުރުސަތު ފުލުހުން ދީފައިނުވާ ކަމަށެވެ. އެހެންކަމުން މުވައްކިލުގެ ހައްގު ހިމާޔާތް ނުކުރެވޭތީ ވަކީލުން ތަހުގީގުގެ އެ މަޖިލީހުން ތަނާޒިލުވެފައިވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރިކަން ސާބިތުވެ އެމަނިކުފާނަށް މިހާރުވެސް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭގެ އިތުރުން އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާއިރު އެފައިސާވެސް ރައީސް ޔާމީން އަދި ދައްކަވާފައެއް ނުވެއެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން