ވެރިކަންކުރާ ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދޭ މައްސަލަތަކުގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ވެރިކަންކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޓިކެޓުގައި ޤައުމުގެ ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި، ސިޔާސީ ގުޅުން ކެނޑިފައިވާ ދަނޑިވަޅެއްގައެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޤައުމެއްގެ ވެރިކަންކުރާ ޕާޓީގެ ލީޑަރުންގެ މެދުގައި މައްސަލަތައް އުފެދި ބައިބައިވެއްޖެނަމަ އޭގެ ގެއްލުން ޤައުމަށް ވަަރަށް ބޮޑަށް ކުރާނެކަމަށެވެ. އެގޮތުން އިޤްތިޞާދު އާރާސްތުކުރުމުގެ މަސައްކަތާއި، ވަޒީފާތައް އުފެއްދުމުގެ މަސައްކަތުގެ އިތުރުން ޚިދުމަތްތައް ކުރިއެރުވުމަށް ކުރާ މަސައްކަތަށް މިކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ޤައުމުގެ ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި ރައީސް މަސައްކަތްކުރައްވާކަމަށާއި، ދަތި އުނދަގޫ ހާލަތުގައިވެސް ރައީސް ޞާލިހު ހާސިލުކުރަމުންދާ ކާމިޔާބީއަށް ސެލިއުޓްކުރައްވާ ކަމަށެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި ރައީސް މަސައްކަތްކުރައްވަނީ ވަކި ކުލައަކަށް ނުބައްލަވާ، ހުރިހާ އެންމެންނަށްވެސް ޚިދުމަތްކުރެއްވުމަށްކަމަށެވެ. އަދި މިއީ ސިޔާސީ ކަންކަމާއި ހެދި ބައިބައިވެފައިވާ ޤައުމެއްގެ އެއްބައިވަންތަކަމަށް ޚިކުމަތްތެރި ސިޔާސަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި، ރައީސް ޞާލިހުއާއެކު ސިޔާސީ މަސައްކަތް ކުރެއްވުން ހުއްޓާލެއްވުމަށް ރައީސް ނަޝީދު ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރައީސް ޔާމީނާއެކު މަސައްކަތްކުރައްވަފާނެކަމުގެ އިޝާރާތެއްވެސް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ. ނަމަވެސް މިކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިހު މިހާތަނަށް ރަސްމީކޮށް ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ހަސަނު

21-Jul-2021

ގައުމަށް އިތުރަށް ވާނެގެއްލުމެއް އެބައޮތްތަ. ގައުމު މިއޮތީ މި ސަރުކާރުން ދަވާލާފަ. އަދި ރައްޔިތުން ދަރަނިވެރިކޮށް ބިކަކޮށްފަ. ކުންފުނިތަކުން ލިބެންއޮތް މަންފާ ބޭރުގެ ކުންފުނިތަކަށް ލިބޭގޮތް ހަދާފައި. ގައުމު އެތަށްއަހަރެއް ފަހަތަށްޖައްސާލާފައި.



ޓްރެންޑިން