ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި، މަޝްވަރާތަކެއް މިއަދު ބާއްވަވައިފިއެވެ.

ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޯދީއާއެކު ބޭއްވެވި މަޝްވަރާތަކުގައި ވަރަށް ގިނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން ކޯވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، އަދި އިގްތިސާދު އަލުން ކޮޅަށް ޖެހުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.





މަޝްވަރާތަކާއި ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް އިންޑިއާއިން އެހީތެރިވާނޭކަމުގެ ޔަގީންކަން އެރުވިއެވެ. އަދި އިންޑިއާގެ އެހީތެރިކަމާއެކު ހިންގުމަށް ރޭވިފައިވާ މަޝްރޫއުތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިކަމަށްވެސް މޯދީ ވިދާޅުވިއެވެ. މީގެއިތުރުން މިމަޝްވަރާ ތަކުގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް، ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން މޯދީ ވަނީ ރައީސް ސާލިހަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ސާލިހާއި މޯދީ ފޯނުން މަޝްވަރާތަކެއް ބޭއްވެވިއިރު، ރާއްޖޭގައި އުޅޭ އިންޑިއާގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ހަބަރުތައް ފަތުރާކަމަށް ބުނެ އިންޑިއާ ހައިކޮމިޝަނުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމައްސަލަ ބަލައި ދިނުމަށް ވެސް ހައިކޮމިޝަނުން ވަނީ އެދިފައެވެ.

އިންޑިއާއާއެކު މިސަރުކާރުން ބާއްވަމުން އަންނަ ގުޅުމާ މެދު އިދިކޮޅު ފަރާތްތަކާއި ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން އިންޑިއާ އައުޓްގެ ނަމުގައި މީސް މީޑިއާގައި ކެމްޕޭނެއް ފަށައިގެން ކުރިއަށް ގެންދާތާވެސް ދުވަސް ތަކެއް ވެއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން