އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވީހަށް ހޯދާފައިވާ ވެހިކަލްތައް، އެ ސަރވިސްއާއި މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާންކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

އިންޑިއާ ސަރުކާރުގެ މި ހިލޭ އެހީގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވީހަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް 8 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4 އެއްގަމު އުޅަނދު (3 ވޭން، 1 ކާރު) މިހާރު ހޯދާފައިވާއިރު، ކަނޑުމަގުން ކުރާ ދަތުރު ތަކުގައި ބޭނުން ކުރުމަށް ސްޕީޑް ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މިއަދު ވަރޗުއަލްކޮށް ބޭއްވި ހާއްސަ މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދު ﷲ ޝާހިދާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ކަމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ، ކުށްވެރިން އަލުން އަނބުރާ މުޖްތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރެދިނުމަށް ކަރެކްޝަނަލް ސާވީހުން ކުރަމުންދާ މުހިއްމު މަސައްކަތް ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނަށް މުހިއްމު ޚިދުމަތެއް ފޯރުކޮށްދެމުންދާ އެ ސާވީހުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެމުއައްސަސާގެ ޤާބިލްކަން އިތުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން