ޕާޓީއެއް ހަދަން އަބްދުﷲ ކަމާލުއްދީންގެ ޝަރުތު ހަމަނުވާކަމަށް ބުނެ، ސިޔާސީ ޕާޓީއެއް އުފައްދަން ކަމާލުއްދީން ހުށަހެޅި ފޯމް އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފިއެވެ.

ޤައުމީ އެއްބަވައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން ކުރީގެ ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީން އިލެކްޝަންސަށް ހުށަހެޅީ މިދިޔަ އާދީއްތަދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ؛ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި މިއަދު ކޮމިޝަނުން ނިންމާފައިވާކަަމަށެވެ.



"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަމާލުއްދީންގެ ފޯމް ބާތިލުވީ ރައީސް މައުމޫންގެ އެމްއާރުއެމްގައި އޭނާގެ ރަޖިސްޓްރީ އޮތުމުންނެވެ. ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް ސިޔާސީ ޕާޓީއެއް އުފައްދާކަށް ހުށައެއްނޭޅޭނެއެވެ.

ކުރީގެ ޑީއާރުޕީ އަދި ފަހުން ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްގައިވެސް އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ކަމާލުއްދީން އައު ޕާޓީއެއް ހަދަން ހުށަހެޅީ އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށް ވިދާޅުވެއެވެ. އަދި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

އަބްދުﷲ ކަމާލުއްދީން، (އޭކޭ) އައު ސިޔާސީ ޕާޓީއެއް ހަދަން މަސައްކަތްކުރަމުންދާއިރު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކާނަލް ނާޒިމް ވެސް ގެންދަވަނީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން