މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ބަލީގެ ކޭސްތައް ކުއްލިއަކަށް އިތުރުވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ވޭތުވެދިޔަ ތިންދުވަހުގެ ތެރޭގައި 8000 ސާމްޕަލް ދުވާލެއްގެ މައްޗަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެހާގިނަ ސާމްޕަލްތަކުން ވެސް ޕޮޒިޓިވިޓީ ރޭޓް އުޅެނީ 1 އިނާސައްތައާއި 2 އިންސައްތައިގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި ބަލީގެ އައުޓްބްރޭކް އޮތް ރަށްރަށުގައި ގާތްނގަޑަކަށް ޕޮޒިޓިވިޓީރޭޓް އުޅެނީ 4 އިންސައްތައިގައި ކަމަށާއި، މާލޭގައި ބަލީގެ ކޭސްތަކަށް ބަލާއިރު އަދަދުތައް ކުއްލިއަކަށް އިތުރުވެދާނެ ކަމަށް ފާހަގަނުކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިދިޔަ ފަސް ދުވަހުގެ ތެރޭގައި މިއުޅެނީ ދުވާލަކަށް 6530 ސާމްޕަލް، ކުރިން މިދިޔަ ބެކްލޮގް ތެރޭގައި ސާޖް އައީ ކޭސްތައް ގިނަވެގެން، އަލާމަތް ފެންނަ މީހުންވެސް ގިނަވީ، ކޮންޓެކްޓުން އަދަދުވެސް ގިނަވި. އެއީ އާވޭރިއަންޓްގެ ސަބަބުން ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ އެކަކުގެ ފަރާތުން ބަލިޖެހުނު މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވި. އެކަހަލަ ސާޖެއްގެ ތެރޭގައި އޮތީމަ ކޭސްތަށް އިތުރުވީ. އެއީ ޓެސްޓް ކުރުން ޑިލޭވެގެންނެއް ނޫން،. އޭރުގައި ބަލި ފެތުރިފައި އޮތް މިންވަރު ބޮޑުކަމުން ކޭސްތަށް އިތުރުވީ." ނަޒްލާ ވިދާޅުވިއެެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑާއި ގުޅިގެން ކާފިއު އިއުލާންކޮށް ހަރުކަށި ފިޔަވަޅުތައް އަޅައިގެން މޮނީޓާކޮށް ހެދުމަކީ އަބަދު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތައް ކޮންމެވެސް ދުވަހަކުން ދޫކޮށްލަންޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމަށް ފުރުސަތު ލިބި ދަތުރުފަތުރު ކުރުމާއި ވިޔަފާރި ހިންގުމަށާއި އިޖްތިމާއީ އެކި އެކި ހަރަކާތްތަށް ވެސް ހިންގެންޖެހޭ ކަމަށެވެ.

"ވަރަށް ގިނަ ދުވަސް ވެއްޖެ މިކަހަލަ ކަންކަން ކުރިއަށް ނުދާތާ، ކުރިއަށް ނުދާތީ އޭގެ ސަބަބުން ލިބޭ މާލީ އިގްތިސާދީ އިޖްތިމާއީ ގެއްލުންތަށް ގިނަ. އެހެންވީމަ އަބަދު މޫވްމަންޓް ރިސްޓްރިކްޝަންގައި ކާފިއުގައި ދަތުރުކުރުން ހުއްޓާލުމުގައި ތިބުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން.، އެކަންކަން މިދޫކުރަނީ ވަކި ގައިޑްލައިން ތަކަކާއެކީގައި." ނަޒްލާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން