ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހޭ، އާބާދީގެ 50 އިންސައްތަ މީހުން ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒް އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގައި ވެކްސިން ޖަހަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

"50 ޕަސެންޓަށްވުރެ ގިނަ މީހުންނަށް، މިހާރު އަޅުގަނޑުމެން، އިއްޔެއާ ހަމައަށް ވަނީ ދެ ޑޯޒް ޖަހައި ވެކްސިނޭޝަން ފުރިހަމަކުރެވިފަ. އެހެންވީމާ މިއީ ވަރަށް ބޮޑު އެޗީވްމެންޓެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ރާއްޖެއިން ޖުމްލަ 242،370 މީހަކު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 6،755 މީހަކު އިއްޔެ ވެކްސިން ޖަހާފައިވާއިރު އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 3،556 މީހުންނާއި އަތޮޅުތެރެއިން 3،199 މީހުންނެވެ.

ރާއްޖޭގައި މިހާރު އާންމުކޮށް ޖަހަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިނެވެ. ހާއްސަ ހާލަތްތަކުގައި ފައިޒާ ވެކްސިން ޖަހައިދެއެެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށި އަދި އެންމެ ގިނައިން ޖަހާފައިވާ ކޮވިޝީލްޑް ވެކްސިން މިދިޔަ މޭ މަސް ތެރޭ ވަނީ ހުސްވެފައެވެ. އެހެންނަމަވެސް މި ޖުލައި މަސްތެރޭ ކޮވިޝީލްޑުގެ 60،000 ޑޯޒް ރާއްޖެއަށް ވަނީ ލިބިފައެވެ. ކޮވިޝީލްޑްގެ ވެކްސިން ދެވަނަ ޑޯޒް އެޕޮއިންޓްމެންޓް އުސޫލުން ޖަހާގޮތަށް ނިއްމައި އެޗްޕީއޭއިން މިހާރު ދަނީ އެޕޮއިންޓްމަންޓް ދޫކޮށް ވެކްސިން ޖަހައިދެމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން