އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، އިސްމާއިލް ނަސީރު، ހަ ޓީޗަރަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ސާބިތުވެފައިވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނާޅައި އެހެން ސްކޫލަކަށް ބަދަލުކޮށްފިއެވެ.

ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓީޗަރުންނަށް އެކި ކަހަލަ ފުރައްސާރަކުރުމާއި، ބައެއް މުދައްރިސުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކަމާބެހޭ ފަރާތްތަކަށް މައްސަލަހުށަހެޅުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހާއްސަ ކޮމިޓީއަކުން މި މައްސަލަތައް ބަލައި، ޖިންސީ ފުރައްސާރައިގެ އަމަލު އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ސާބިތުވެފައި ވަނިކޮށް މިއަމަލު ހިންގި ފަރާތަށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި، އެފަރާތުގެ އެދުމުގެ މަތިން، ޕްރޮމޯޝަނަކާއެކު އެހެން ސްކޫލަކަށް ބަދަލުކޮށްފައިވާތީ އެކަން ކުއްވެރިކުރާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މިއީ ތައުލީމީ ދާއިރާގެ ގަދަރުވެރި މަޤާމެއްގައި ހުރެ، އޭނާގެ ދަށުން ތިބި މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ސާބިތުވެފައި ވަނިކޮށް، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮށްފައިވާ މަސައްކަތެއް ކަމަށް އެ ޖަމްއިއްޔާއިން ސިފަކޮށްފައިވެއެވެ.

ޓީޗަރސް އެސޯސިއޭޝަނުން ވަނީ ޖިންސީ ފުރައްސާރައިގެ، ޝިކާރައަށްވި ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ގޮތުން އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެމީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވާލާފަވެ. މިފަދަ ނިންމުންތަކަކީ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގާ ފަރާތްތަކަށް ހިތްވަރުލިބޭފަދަ ނިންމުންތަކެއް ކަމަށްވެސް އެޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ޝިކާރައަކަށްވި ފަރާތްތަކުގެ ވަކީލުންގެ ފަރާތުން ނެރެފައިވާ އެ ބަޔާނުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އޮންނަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީއިން މައްސަލަ ބައްލަވައި، އިއްޒުއްދީން ސުކޫލުގެ ޕްރިންސިޕަލް އިސްމާޢީލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތްކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް މައްސަލަ ބެލި ކޮމެޓީގެ އިއްތިފާޤުން ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބުނާގޮތުން އެފަދަ މައްސަލައެއް ސާބިތުވެއްޖެނަމަ، އެމީހަކަށް ލިޔުމުން ނަސޭހަތްތެރިވެ އިންޒާރު ދިނުމާއި، ވަކި މުއްދަކަަށް ވަޒީފާއިން ސަސްޕެންޑް ކުރުމާއި، އަދާ ކުރާ ޒިންމާތަކުން ވަކިކުރުމާއި، އަދާކުރަމުން ދިޔަ ވަޒީފާއަށްވުރެ ދަށު ދަރަޖައިގެ ވަޒީފާއަކަށް ބަދަލުކުރުން އަދި ވަޒީފާއިން ވަކިކުރުން ވެސް ހިމެނެއެވެ.

އެހެންނަމަވެސް، މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން މައްސަލަ ހުށަހެޅި ފަރާތަން އަންގާފައިނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ. އަދި އެމިނިސްޓްރީން މިކަމުގައި ރަސްމީ ބަހެއް ބުނެފައެއް ވެސް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން