އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ
އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ
އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލަށް ފިޔަވަޅުއަޅަން ނިންމި ރިޕޯޓް ސޯޝަލް މީޑިއާގައި ލީކް ކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން މައްސަލަ ހުށައަޅާ ފަރާތަށް ފޮނުވާ ޖަވާބުގައި ބުނެފައިވަނީ، މާލޭގެ އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއީލް ނަސީރު، އެ ސުކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ސާބިތުވާ ކަމަށާއި، އެކަމުގައި ގާނޫނީ ފިޔަވަޅު އަޅަން ފެންނަ ކަމަށެވެ.

ރިޕޯޓްގައި ވަނީ އެ މައްސަލަ ބެލިބެލުމުން، ޓީޗަރެއްގެ ޖިންސީ ގުނަވަނަކާ ދިމާއަށް އިސްމާއިލް ނަސީރު ބަލަން ހުރި ކަމަށް މުވައްޒަފު ބަޔާންކޮށްފައިވާ ކަމަށާއި، އަދި އެ މަންޒަރު އެ ސްކޫލުގެ ދެ ލީޑިން ޓީޗަރަކަށް ފެނިފައިވާ ކަމަށެވެ.

އަދި އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުމަކީ ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ކަމުގައި ބަޔާންކޮށްފައި އޮތަތީ، އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަކުރުމުގެ އަމަލެއް ހިންގި ކަމުގައި ބުރަވެވެން އޮތް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ނިންމާފައިވާ އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އިސްމާޢީލް ނަސީރަށް ފިޔަވަޅު އަޅަން ފެންނަ ކަމަށް އެ މައްސަލަ ބެލި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިމިފައިވާ ކަމަށެވެ.

އެ މައްސަލާގައި ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ސާބިތުވެފައި ވަނިކޮށް މިއަމަލު ހިންގި ފަރާތަށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި، އެފަރާތުގެ އެދުމުގެ މަތިން، ޕްރޮމޯޝަނަކާއެކު އެހެން ސްކޫލަކަށް ބަދަލުކޮށްފައިވާތީ އެކަން ކުއްވެރިކުރާ ކަމަށެވެ. މިއީ ތައުލީމީ ދާއިރާގެ ގަދަރުވެރި މަޤާމެއްގައި ހުރެ، އޭނާގެ ދަށުން ތިބި މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ސާބިތުވެފައި ވަނިކޮށް، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮށްފައިވާ މަސައްކަތެއް ކަމަށް އެ ޖަމްއިއްޔާއިން ސިފަކޮށްފައިވެއެވެ.

ޓީޗަރސް އެސޯސިއޭޝަނުން ވަނީ ޖިންސީ ފުރައްސާރައިގެ، ޝިކާރައަށްވި ފަރާތްތަކަށް ފިޔަވަޅުއެޅުމުގެ ގޮތުން އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެމީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ގޮވާލާފަވެ. މިފަދަ ނިންމުންތަކަކީ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގާ ފަރާތްތަކަށް ހިތްވަރުލިބޭފަދަ ނިންމުންތަކެއް ކަމަށްވެސް އެޖަމިއްޔާއިން ފާހަގަކޮށްފައި ވެއެވެ.

މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިއްޒުއްދީން ސްކޫލުގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެފަރާތްތަކަށް އިއްޔެ އަންގާފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ޢިއްޒުއްދީން ސްކޫލްގެ 4 ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިޢުފާ ދިނުމާ ގުޅިގެން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ޙައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށްކަމަށެވެ. އަދި ރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ އެ މައްސަލަތައް ޙައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލި ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ސްކޫލްގެ ބައެއް މަޤާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދީފައިވާކަމަށްވެސް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.

އެޑިއުކޭޝަނުން ބުނީ މި ހަތަރު ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ، އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނުވާކަމަށެވެ. އަދި މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކަމާއެކު ބަލާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބުނާގޮތުން އެފަދަ މައްސަލައެއް ސާބިތުވެއްޖެނަމަ، އެމީހަކަށް ލިޔުމުން ނަސޭހަތްތެރިވެ އިންޒާރު ދިނުމާއި، ވަކި މުއްދަކަަށް ވަޒީފާއިން ސަސްޕެންޑް ކުރުމާއި، އަދާ ކުރާ ޒިންމާތަކުން ވަކިކުރުމާއި، އަދާކުރަމުން ދިޔަ ވަޒީފާއަށްވުރެ ދަށު ދަރަޖައިގެ ވަޒީފާއަކަށް ބަދަލުކުރުން އަދި ވަޒީފާއިން ވަކިކުރުން ވެސް ހިމެނެއެވެ.

އެހެންނަމަވެސް، މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން މައްސަލަ ހުށަހެޅި ފަރާތަން އަންގާފައިނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ. އަދި އެމިނިސްޓްރީން މިކަމުގައި ރަސްމީ ބަހެއް ބުނެފައެއް ވެސް ނެތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން