ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަރވިސް ޗާޖުގައި މައްސަލައެއް އުޅޭކަން ފާހަގަވެއްޖެނަމަ އެކަން ޓޫރިޒަމް މިނިސްޓްރީއަށް އެންގުން މުހިންމުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ސަރވިސް ޗާޖުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ސިނާއަތުގެ މުވައްޒަފުންނާ ވަރަށް ގާތުން މިނިސްޓަރ މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް މި ބައްދަލުވުމުގައި ވަޒީރު ފާހަގަ ކުރައްވާފައިވެއެވެ.

ފައިނޭންޝަލް ޓްރާންސެކްޝަންތައް މިހާރު އޮންލައިންކޮށް ކުރިއަށް ގެންދާތީ، ބޭންކް ޓްރާންސެކްޝަން ތަކަކީ ވަރަށް ފަސޭހައިން މިހާރު ބެލެން ހުންނަ މައުލޫމާތުތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވެފައިވަނީ ރިސޯޓްތަކުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓަކަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލައި ރިސޯޓަށް އެމަހު ވަންނާނެ އާމްދަނީ ފަސޭހަކަމާއެކު އަންދާޒާ ކުރެވޭނެކަމަށެވެ. އަދި ސަރވިސް ޗާޖު ރަނގަޅަށް ނުލިބޭކަމަށް ވާނަމަ އެކަން މިނިސްޓްރީއަށް އަންގަން ވާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސަރވިސް ޗާޖަކީ ރިސޯޓްގެ އާމްދަނީއާ ގުޅިފައި އޮންނަ އެއްޗެއް ކަމުން ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ވަރު ބޮޑުކުރުމަށް މިނިސްޓްރީން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބޮޑެތި މުސާރަ ލިބޭ މަގާމުތައް ދިވެހިންނަށް ހޯދައިދީ ދިވެހިން އަދާކުރާހިތްވާ މަގާމުތަކުގެ ވަޒީފާ ދިވެހިންނަށް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ރިސޯޓްތަކުން މުވައްޒަފުންނަށް އެކަށީގެންވާ ގޮތުގައި ހަމައަށް ސަރވިސް ޗާޖު ނުދޭކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން ދެކެވެމުންދާއިރު، ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ރިސޯޓްތަކުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި ބޮޑެތި އަދަދުތައް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން