ސްރީ ލަންކާގައި ކުޑަ އަންހެން ކުއްޖަކު އިޝްތިހާރުކޮށް، އެ ކުއްޖާ ލައްވައި ހަށިވިއްކުވި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ޕާސްޕޯޓް ހިފަހެއްޓުމަށްފަހު ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކޮށްލައިފިއެވެ.

ސްރީ ލަންކާގައި ކުޑަ އަންހެން ކުއްޖަކު އިޝްތިހާރުކޮށް، އެ ކުއްޖާ ލައްވައި ހަށިވިއްކުވި މައްސަލައިގައި 32 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އަސްމަލީ ވެސް ހިމެނެއެވެ.



އެމައްސަލައިގައި ހައްޔަރުކުރި އަސްމަލީގެ ބަންދުގެ މުއްދަތު ކޯޓުން މީގެ ކުރިން ވަނީ އިތުރުކޮށްފައެވެ. އެ ނެޓްވޯކަށް ފައިސާދީގެން އެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުކުރެވޭ 22 މީހުންނާއި ނެޓްވޯކް ހިންގާ ކަމުގެ ތުހުމަތު 10 މީހަކަށް ލަންކާގެ ފުލުހުން ވަނީ ކޮށްފައެވެ.

އެމައްސަލައިގައި ދިހަ ދުވަހު ބަންދުގައި ހުރުމަށްފަހު މިއަދު އޮތް އަޑުއެހުމުގައި އަޝްމަލީ ވެސް ވަނީ އައިޑެންޓިފިކޭޝަން ޕެރޭޑެއްގައި ބައިވެރިވެފައެވެ. މިއަދު ވަނީ މައްސަލަައިގައި އަނިޔާ ލިބުނު ކުޑަ އަންހެންކުއްޖާ ކޯޓަށް ހާޒިރުކޮށްފައެވެ.

އެ ކުއްޖާ ކޯޓުގައި ބުނެފައިވަނީ، އަސްމަލީ އެކުއްޖާ އާއެކު ޖިންސީ ގުޅުން ހިންގި ކަމަށެވެ. އަސްމަލީގެ އިތުރުން، އިތުރު ތިން މީހުންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް އެ ކުއްޖާ ކޯޓުގައި ވަނީ ބުނެފައެވެ.

އަސްމަލީ ބަންދުން ދޫކޮށްލީ 25،000 ލަންކާ ރުޕީސް (125 އެމެރިކާ ޑޮލަރު) ކަފާލާތުގެ ގޮތުގައި ދެއްކުމުންނެވެ. ކަފާލާތުގެ އިތުރުން، ފަސް މިލިއަން ލަންކާ ރުޕީސް (25،000 އެމެރިކާ ޑޮލަރު) ގެ ގެރެންޓީ ނުވަތަ ޝުއަރިޓީސް ވެސް ބަހައްޓަންޖެހޭނެ ކަމަށް ކޯޓުން ވަނީ ނިއްމާފައެވެ.

އަސްމަލީގެ ވަކީލު ވިދާޅުވީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ ޕާސްޕޯޓު ކޯޓުން ހިފެހެއްޓުމުގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމުން ކަމަށެވެ. އޭގެ އިތުރުން، އަސްމަލީ ދޫކޮށްލީ ފަނަރަ އަހަރާއި ނުވަ މަހުގެ އެ ކުއްޖާ ކްލަޔަންޓުން ކައިރިއަށް ފޮނުވަމުން ދިޔަ 21 އަހަރުގެ އެހެން އަންހެނެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކަމަށް ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން ވަނީ ހާމަވެފައެވެ.

ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލި ނަމަވެސް، އަސްމަލީ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެއެވެ. އެހެން ނަމަވެސް، އޭގެ ކުރިން ހެދޭ ޕީސީއާރު ޓެސްޓު ނެގެޓިވްވެއްޖެ ނަމަ އޭނާ މި ވަގުތަށް މިނިވަންވާނެ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލުކުރުމަށްފަހުއެވެ.

އަސްމަލީ މީގެ ކުރިން ބުނީ އޭނާ ދިޔައީ އޮންލައިންކޮށް އޮއިލް މަސާޖަކަށް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކިންގ ހަދައިގެން ކަމަށެވެ. އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔައީ ކަމަށް އަޝްމަލީ ބުނެ އެވެ. އެހެން ނަމަވެސް މަސާޖު ކަމުނުދިޔަ ކަމަށާއި އަދި އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް އަޝްމަލީ ބުނެފައިވެއެވެ.

ލަންކާގެ ފުލުހުން ބުނީ މައުންޓް ލެވީނިއާ ސަރަހައްދުގައި ތިން މަސް ވަންދެން އެ ކުއްޖާ ލައްވައި ހަށިވިއްކުވި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި އެކުއްޖާގެ މަންމަ ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ވެސް އެކަމުގައި ބައިވެރިވި އެކި މީހުން ހައްޔަރުކޮށްފައިވާ އިރު އަދިވެސް ތުހުމަތުކުރާ މީހުންތަކެއް ތިބި ކަމަށް ލަންކާ ފުލުހުން ހާމަކުރެއެެވެ.

ފުޅާދާއިރާއެއްގައި އެކަން ކުރަމުން ދިޔައީ، ލަންކާ ފުލުހުން ބުނާގޮތުން އެ ކުއްޖާ ވިއްކުމަށް ވެބްސައިޓެއް ވެސް ހަދައިގެންނެވެ. މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ އަޝްމަލީގެ އިތުރުން ކުއްޖާ އިޝްތިހާރުކުރަން ވެބްސައިޓު ހިންގި މީހާއާއި ހޮޓަލެއްގެ މެނޭޖަރު ކަމަށް ލަންކާ ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން