ކުޅުދުއްފުށި ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ޚާއްޞާ ސަމާލުކަމެއް ސަރުކާރުން ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްވަރާ ބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު މިއަދު ބޭއްވެވި މަޝްވަރާބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތް މުޅި އަތޮޅުގެ ރައްޔިތުން ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ވަނީ ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސާއި ހިއްސާކުރައްވައި ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. މީގެ އިތުރުން ހޮސްޕިޓަލަށް މި ވަގުތަށް އެންމެ މުހިންމު ކަންކަމާއި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ ރައީސް މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި، އަދި އޯޕީޑީގައި ހުރި ދަތިތަކާއި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކީ އެ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަމަށެވެ. އަދި ޚާއްޞަގޮތެއްގައި ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ޚާއްޞަ ސަމާލުކަން ދެއްވާކަން ފާހަގަކުރައްވައި ރާއްޖޭގެ 5 ސަރަޙައްދުގައި 5 ޓާޝަރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. އެގޮތުން މިކަމުގެ ސަބަބުން ޞިއްޙީ ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ޙައްލު ލިބިގެންދާނެއެވެ. މީގެ އިތުރުން ގިނަ އައު ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ޚިދުމަތްފަދަ ގިނަ އައު ޚިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑަރ ކުރުމަށް ހުޅުވާލުމުގެ މަރުޙަލާގައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން