އެމްޑީޕީން ޕީޕީއެމާއެކު ކޯލިޝަން ހަދާ ވާހަކަ ދައްކަނީ ޕީޕީއެމްގެ ސަފުތައް ބައިބައިކުރުމަށް ކަމަށް ވެދާނެ ކަމުގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިިޒަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

އޮންލައިން ފޯރަމެއްގައި މިރޭ ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިވަގުތަކީ ކޯލިޝަން ހަދާ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށެވެ. އެމްޑީޕީން ޕީޕީއެމާއި ކޯލިޝަން ހަދާ ވާހަކަ ދެއްކުމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން މަގުސަދުތަކެއް އޮވެދާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެެވެ. ޑރ. ޝަހީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ވަތަނީ ވިސްނުމާއި ފަލްސަފާއާއި އެމްޑީޕީއާއި ވަރަށް ބޮޑެތި ތަފާތުތަކެއް ފިކުރީ ގޮތުންނާއި ފަލްސަފީ ގޮތުންވެސް އެބަހުރި ކަމަށެެވެ.

"ތަފާތު ދެ ވިސްނުމެއް އެއްކޮށް ކުރިއަށް ދެވިދާނެތޯ އެސުވާލުގެ ޖަވާބު ބޭނުންވާ ކަމެއް އެކަމަކީ. އަޅުގަނޑަށް ވިސްނޭގޮތުގައި އެއީ ވަރަށް ދަތިކަމަކަށް އެކަންވާނީ. ދެން މީގައި އެމްޑީޕީން ކޯލިޝަން ހަދާ ވާހަކަ ދެއްކުމުގެ ފަހަތުގައި އެހެން ވިސްނުންތަކެއް އޮވެދާނެ ކަމަށް ވަޒަންކުރެވޭ. އޭގެ މަގުސަދަކަށް ވެދާނެ ޕީޕީއެމްގެ ސަފުތައް ބައިބައިކުރުން ވެސް، އެކަންވެސް ވެދާނެ." މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބުދު ﷲ ޔާމިންގެ ރަނިންމޭޓްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ގައުމީ ދީނީ މައްސަލަތަކަށް ބަލާއިރު ހުރިހާ ޕާޓީތަކުން އެއްބަސްވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ގައުމަށްޓަކައި އެކަންކަން ހައްލު ކުރުމަށް ހުރިހާ ޕާޓީތަކުން ގުރުބާނީތަކެއް ވާންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެެވެ. އަދި ކޯލިޝަން ނުހެދި ނަމަވެސް އެކަންކަމަށް ހުރިހާ ޕާޓީތަކުން ވެސް އެެއްބަސްވާންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިސާލަކަށް އެއްބަސްވާންޖެހޭ އިސްލާމްދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ގައުމު ސަލާމަތްކުރުން. ދީނީ ހަރުކަށި ކަންތައްތަކުން ގައުމު ސަލާމަތް ކުރުން،. އިގްތިސާދީ ހީނަރުކަމުން ގައުމު ސަލާމަތްކުރުން. މިހެން ގޮސް ބަލިމަޑުކަމުން ގައުމު ސަލާމަތްކުރުން. މި ހުރިހާ ޕާޓީތަކުން ވެސް ކޮންމެހެން ކޯލިޝަން ނަހަދައި ވެސް ގައުމީ ގޮތުން އެފަދަ ކަންކަމުގައި ހުރިހާ ޕާޓީތަކުން އެއްބަސްވާންޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ. ވެރިކަން ހިންގުމުގައި ކޯލިޝަން ހަދާނީތޯ ނުވަތަ ނޫންތޯ އެއީ ހަގީގަތުގައި އެއާ ދޭތެރޭގައި ވިސްނަންޖެހޭ ކަމެއް ކަަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ." އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަންވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ ރައީސް ސޯލިހާ އެކުގައި އޮތް ސިޔާސީ ގުޅުން ކަނޑުއްވާލެއްވިކަން ހާމަކުރައްވައި އިދިކޮޅު ޕީޕިއެމާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ. އަދި އެގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓްގެ ފަލްސަފާއާއި ދުރު، ނަފްރަތުގެ ބިލަށް ތާއިދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމާއެކު އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން