ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތައް ހިންގޭ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ދަށްވެ ބޭރުފައިސާ ލިބޭމިންވަރު ވަރަށް ބޮޑަށް ދަށްވުމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ 16 ސެޕްޓެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ބަދަލުގެނެސްފައެެވެ. މި ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތާ ގުޅިގެންހުރި ކަންބޮޑުވުމާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުމުގެ މުހިންމުކަން ބޭންކުން ފާހަަގަކޮށްފައިވެއެވެ. ފާއިތުވި ދުވަސްތަކުގައި ބޭންކުން ދިޔައީ މިހާލަތު ގާތުން ބަލަމުން ކަމުގައި ވެސް ބޭންކުން ބުނެފައި ވެއެވެ.



ބީއެމްއެލުން ބުނީ ޑޮލަރު ލިބުމުގައި އުޅުނު ތާށިކަމުގެ ހާލަތުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބަލައި، ކްރެޓިޑް ކާޑަށް ދެވިފައިވާ ލިމިޓް އިތުރުުކުރުމަށް ބޭންކުން ނިންމާފައިވާކަމަށެވެ. މިގޮތުން 17 ޖުލައި 2021 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދު ވަނީ 500 ޑޮލަރަށް އިތުރުކޮށްފައެެވެ. މި އަދަދު ކަނޑައެޅިފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަކަށެވެ.

ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެއެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރު ލިބޭނެއެވެ.

ބޭންކުން ބުނީ މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެކަމަށެވެ. މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.

ބީއެމްއެލުން ބުނީ ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެކަމަށާއި، އަދި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުން ދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން