ސަރުކާރުން ހިންގުމަށް ރާވަމުން އަންނަ ބޮޑު ހައުސިންގ ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށި ފަދަ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަަނިކުފާނު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ރޭ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުކުރެއްވުމުގައި ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމުގައި ސިޓީ ކައުންސިލުން ފާހަގަކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެންމެފަހުން ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ސަރުކާރުން މިހާރުވެސް ޙައްލު ހޯދައިދެއްވާފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން، މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ކުރީގެ މަގުތަކާއި ގުޅުވާލެވޭގޮތަށް ބަދަލުކުރުމާއި، ޑީވޯޓަރިން ހިމެނޭގޮތް އެ މަޝްރޫޢު ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރިއެވެ.

އަދި، ސިޓީ ކައުންސިލުން ބޭނުންވާ ތަރައްޤީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކޮށްފައި ވެއެވެ. އޭގެތެރޭގައި، ސިޓީ ކައުންސިލުން ވަނީ އައު ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓް އަވަހަށް ފެށުމާބެހޭގޮތުންނާއި، މިހާރު ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމާ ގުޅޭގޮތުންނާއި، އެއަރޕޯޓް ސަރަޙައްދުގެ އުތުރުން އޮންނަ ބިން ބޭނުންކުރެވޭގޮތް ހެދުމާއި ބެހޭގޮތުނާއި ޒުވާނުންނާއި އިޖްތިމާޢީ ތަރައްޤީއަށް ބޭނުނވާ މުހިންމު ގިނަ ކަންތައްތަަކަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ބައްދަލުކުރެއްވުމުގައި ވަނީ އެ ކޮމެޓީގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަކުރި މަޝްރޫޢުތައް ކުރިޔަށްދާގޮތާ ބެހޭ އަދާހަމަ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން ހިންގުމަށް ރާވަމުން އަންނަ ބޮޑު ހައުސިންގ ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށި ފަދަ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދެއްވާނެކަމަށާއި، އަދި ސިޓީ ކައުންސިލުން ހުށަހެޅުއްވި ކަންކަން ޙައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ ޝަރަފުގައި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ދެއްވި ރޭނގަޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން