ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިންމެވުންތައް މޮނޮޕޮލައިޒްކޮށްފައިވަނީ، ނުވަތަ ހިޞާރުކޮށްފައިވަނީ އަދާލަތު ޕާޓީން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް މުހަންމަދު ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ރައްޔިތުން ތަނަވަސް އަޣުލަބިއްޔަތަކުން ވޯޓުދިނީ އެމްޑީޕީން މިނިވަންކަމަށް ކުރާ ލޯތްބާއި، ދިވެހިންގެ ދިރުންހުރި ސަގާފަތާއި ތަރިކައަށް ކުރާ ލޯތްބާއި އެ ޕާޓީގެ އުސޫލުތަކަށް ކަމަށެވެ. އަދި ކޯލިޝަން ޕާޓުނަރުންގެ އެހީގައި އެމްޑީޕީއަށް ސިޔާސީ ކުރިއެރުން ހާސިލުވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރު ކޯލިޝަނުގެ ކުޑަ ބައިވެރިއެއް ކަމުގައިވާ އަދާލަތު ޕާޓީއަށް ރައީސް ޞާލިޙުގެ ނިންމެވުންތައް މޮނޮޕޮލައިޒްކުރުމުގެ ފުރުޞަތު ދެއްވުމުން، ކޯލިޝަނުގެ ތަބީއަތަކީ ދިވެހިރާއްޖޭގައި އޮތް ނިޔާބީ (ރެޕްރެޒެންޓޭޓިވް) ޑިމޮކްރަސީގެ ހުރިހާ އުސޫލުތަކާ ޚިލާފު ތަބީއަތެއްކަން ހާމަވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ގިނަ މީހުންނަކީ "ޕްރޮގުރެސިވް" ނުވަތަ ކުރިއެރުމަށް ތާއީދުކުރާ ބައެއް ކަމަށެވެ. އަދި ގިނަ ދިވެހިންނަކީ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި ސަގާފަތާއި އިޤުތިޞާދީ ފުދުންތެރިކަމަށް ލޯބިކުރާ "މެދުމިން" ގެ ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިހެން ދިވެހި ވޯޓުދީފައިވަނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދިވެހިން ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓުނުދޭ ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައިވެއެވެ.

އެ ހަރުކަށި ކެންޑިޑޭޓުންނަކީ ދިވެހިން އެންމެ ލޯބިކުރާ ކަންކަން މުޖުތަމަޢުން ފިލުވައިލާ، ދިވެހީންގެ މިނިވަންކަން ނަގައިލާނެ ބަޔެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން ބޭނުންވަނީ ހަމައެކަނި ޑިޕްލޮމަސީއާއި ދޫދިނުން ނޫން ކަމަަށެވެ. އަދި އެމްޑީޕީގެ ޤަބޫލުކުރުންތަކުގައި ސާބިތުކަންމަތީ ހިފަހައްޓައި އެ ޕާޓީން ޤަބޫލުކުރާ އަސާސްތައް ނަގަހައްޓަންޖެހޭ ކަމަށާއި، އެއީ މިނިވަންކަމާއި ހަމަހަމަކަމާއި އިޤުތިޞާދީ ތަނަވަސްކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވީ އެމަނިކުފާނަށް އެންމެ ފަހުން ދިން މަރުގެ ހަމަލާއަށްފަހު އެ ހަމަލާގެ ފަހަތުގައިވާ ސަބަބު ސަރުކާރުން ދެނެގަތް ކަމަށެވެ. އެ ސަބަބަކީ ހަރުކަށި މީހުން އެހެން މީހުން އިސްލާމްދީނާ ޚިލާފު (އަންއިސްލާމިކް) ބައެއްގެ ގޮތުގައި ލޭބަލުކުރުން ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި މިފަދަ ލޭބަލްކުރުމުގެ ސަބަބުން ފަތުވާގެ ސިފައިގައި މަރުގެ ހުކުމެއް އިއްވާކަމަށް އެމަނިކުފާނު ވަނީ ތުހުމަތުކުރައްވާފައެވެެ.

އަދި ހަރުކަށި ވިސްނުމުގެ ހައްދުފަހަނައެޅި މީހުން އެ ފަތުވާ ތަންފީޒުކުރާ ކަމަށާއި، އެގޮތުން ޑރ. އަފްރާޝީމާއި ރިޟްވާނާއި ޔާމީން ރަޝީދުގެ ޤަތުލުތަކަކީ އެގޮތަށް ހިނގި ކަންކަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މި ނަފުރަތުގެ އަމަލުތައް އަމާޒުވަނީ ސިޔާސީންނާއި ނޫސްވެރިންނާއި ޚިޔާލު ފާޅުކުރުމުގެ ހައްގު ބޭނުންކުރާ އާދައިގެ މީހުންނަށް ކަމަށްވެސް ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން