ސަރުކާރާއި ދެކޮޅުކަން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވުމާއެކު އަވަސް އިންތިޚާބެއް ބާއްވަންޖެހޭކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ކަންކަން ހުރި ގޮތުން ރައީސް ޞާލިހާއި ސަރުކާރަށް ތާއީދުކުރެއްވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެ އިދިކޮޅު ޕީޕީއެމާއި އިއްތިހާދު ވުމުގެ ޚިޔާލުފުޅު ފާޅުކުރެއްވުމާއި ގުޅިގެންނެވެ.

މަލީހު މިއަދު ވިދާޅުވީ މިސަރުކާރާއި ދެކޮޅުކަން ރައީސް ނަޝީދު ހާމަކުރެއްވި ހިސާބުން ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުނީކަމަށާއި، އެއީ ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލުންކަމަށެވެ. އެހެންކަމުން އެކަމުގައި އޮތް ހައްލަކީ އަވަސް އިންތިޚާބެއް ބޭއްވުންކަމަށާއި އިއްޔެ ކުޅުދުއްފުށިން އިވުނީ އެއަޑުކަމަށް މަލީހު ވިދާޅުވިއެވެ.



ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލަށް ސަރުކާރުން ތާޢީދުނުކުރާނަމަ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށް ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނުގައި، ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖޭގައި އަނިޔާވެރި ކަންކަން ހިނގާފައިވާތީ އެކަންކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ބަޔަކު މިބިލާއި ދެކޮޅު ހެދުމުން ސަރުކާރުން ބިލަށް އޮތް ތާއީދު އަނބުރައި ގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިބިލަށް ތާއީދުކުރި ފަރާތްތައް ނުރައްކަލަށް ހުށަހެޅިގެން ދާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ނަފްރަތު ހުއްޓުވުމުގެ ބިލަށް ތާއީދުކުރުމުގެ ލީޑަރޝިޕެއް ސަރުކާރުގައި ނެތްނަމަ، އެމަނިކުފާނަށް ސަރުކާރަށް ތާއީދުކުރެއްވޭން ނޯންނާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން