ރައްޔިތުންގެ ނުރުހުމުގެ އަޑު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އިއްވުން އިތުރުކުރަންވެއްޖެކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ އެޑްވައިޒަރ ޑރ. ޖަމީލު މިހެން ވިދާޅުވީ، ވަކި ހާލަތްތަކެއްގައި ޑްރައިވިންގ ލައިސަންސުން ޕޮއިންޓް އުނިވެ، ޖޫރިމަނާކޮށް، ލައިސަންސް ބާތިލުވާގޮތަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ އައު ގަވާއިދު ގެޒެޓްކުރުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ. މި ގަވާއިދުގައި އިތުރު ޖޫރިމަނާތަކެއްވެސް ވަނީ ހިމަނާފައެވެ.

މިކަމާއި ގުޅޭގޮތުން ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައްޔިތުން ޖޫރިމަނާކޮށްގެން ނޫން ގޮތަކުން އާމްދަނީ ހޯދަން ރައީސް ޞާލިހު ދަސްކުރައްވަން ވެއްޖެކަމަށެވެ. އަދި ސްޓިކާޖަހައި، ލައިސަންސް ބާތިލްކުރަން ހިފާއިރު ޕާކިންއާއި ޕަބްލިކް ޓްރާންސްޕޯޓް ކޮބައިތޯއޭ ވިދާޅުވެ ޑރ. ޖަމީލު ސުވާލުކުރައްވާފައިވެއެވެ.

ޖަމީލު ވިދާޅުވީ ރައްޔިތުންގެ ނުރުހުމުގެ އަޑު ރައީސް ޞާލިހަށް އިއްވުން އަދިވެސް އިތުރުކުރަންވީކަމަށެވެ.



އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ އައު ގަވާއިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެއެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި ހިލާފުވާނަމަ ލައިސަންސާއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓް އުނިކޮށް އެ ޕޮއިންޓް ހުސްވުމުން ލައިސަންސް ބާތިލުވާނެކަމަށް ޤަވާއިދުގައިވެއެވެ.

މިޤަވައިދުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދު ދުއްވި މީހެއްގެ ލައިސަންސުން 75 ޕޮއިންޓް އުނިވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ 50 ޕޮއިންޓް އުނިކުރާނެއެވެ.

މީގެއިތުރުން އުޅަނދު ދުއްވާ މީހާގެ އަތުން އަހަރެއްގެ ތެރޭގައި 5 އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ވެއްޖެނަމަ ކޮންމެ ފަހަރަކަށް 20 ޕޮއިންޓް އުނިކުރަންވެސް ޤަވައިދުގައިވަނީ ހިމަނާފައެވެ. އަދި ބާރަށް ދުއްވުމުގެ ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކަށް 25 ޕޮއިންޓް ލައިސަންސުން އުނިވާނެއެވެ.

ވަންވޭގައި ނުބައިކޮޅަށް ދުއްވުމާއި ޤަވައިދާ ހިލާފަށް ޕާކުކުރުމުންވެސް ލައިސަންސުން ޕޮއިންޓް އުނިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން