ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ނިންމެވުންތައް ހިޞާރުކޮށްފައިވަނީ އަދާލަތު ޕާޓީން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު އަދާލަތު ޕާޓީން ކުށްވެރިކޮށް އެމަނިކުފާނަށް ރައްދުދީފިއެެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ނެރުއްވި ބަޔާނެއްގައި ސަރުކާރު ހިންގާ ކޯލިޝަނުން ޑިމޮކްރެސީގެ އުސޫލުތަކާއި ހިލާފުވެފައިވާކަމަށް ވިދާޅުވެ، ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ސަރުކާރު ހިސާރު ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިހް ނިންމެވުންތައް ނިންމަވަނީ އަދާލަތު ޕާޓީން ބުނާގޮތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަދާލަތުން ސަރުކާރު ހިސޯރުކޮށްފައިިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަނުން ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފުވެފައިވާކަން ހާމަކޮށް ފެންނަން އޮތްކަމަށެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީ އުފެދިގެން އައީ ދިވެހިންގެ އިސްލާމީވަންތަކަން ހިމާޔަތްކޮށް ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުގެ ތެރޭގައި އޭރުގެ އިދިކޮޅު ޕާޓީތަކުން އަނިޔާވެރިކަމާއި، ބޭއިންސާފާއި ކޮރަޕްޝަނާއި ދެކޮޅަށް ކޯލިޝަނެއް އުފައްދައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއެކު 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައިވެއެވެ. އަދާލާތު ޕާޓީން ބުނީ އެ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ އިންސާފު ގާއިމްކޮށް ކޮރަޕްޝަން މުލުން ލުހެލުމަށް ކަމަށެވެ.

އަދި ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާން އަދާލަތު ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ. އެ ޕާޓީއިން ބުނީ ރާއްޖޭގެ ރައްޔިތުން ހަރުކަށި ބައެއްގެ ގޮތުގައި ސިފަކުރުމަށް ރައީސް ނަޝީދު މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަން އެޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ މިނިވަންކަމާއި، ހަމަހަމަކަން އަދި އިގްތިޞާދީ ފުދުންތެރިކަމުގެ ނިވަލުގައި އަމިއްލަ ސިޔާސީ ލަނޑުދަނޑިތަކެއް ހާސިލްކުރަން ނެރެފައިވާ ބަޔާނެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.

އަދާލަތު ޕާޓީން ބުނީ ނަފްރަތުގެ ބިލާއި ގުޅޭގޮތުން އެ ޕާޓީން ވެސް ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމީ އުސޫލްތަކާއި ފުށުއެރުންތަކެއް ހުރުމުން ކަމަށް އެ ޕާޓީއިން ބުނެއެެވެ. މިވަގުތު ވެސް އެބިލު އޮތީ ރައްޔިތުންގެ މަޖިލީހުގައިކަން ފާހަގަކޮށް އަދާލަތުން ބުނީ ރައްޔިތުންގެ އަޑު އެހުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

އަދާލާތުން ބުނީ ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަރުހީބުދޭ ކަމަށެވެ. އެ ޕާޓީއިން ބުނީ ހަރުކަށި ފިކުރާއި ދެކޮޅަށް އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން މަސައްކަތްކުރަމުންދަނީ މި ސަރުކާރުން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ކެބިނެޓުގައި އެ ޕާޓީގެ ލީޑަރު ޝައިހް އިމްރާން އަބްދުﷲ އިންނަވައިގެން ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒްކުރުމަށް ބުރަ މަސައްކަތްތަކެއް ގައުމީ އަދި ބައިނަލްއަގްވާމީ އޭޖެންސީތަކާއެކު ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީއާއި ޑިމޮކްރަޓިކްކޮށް އިންތިހާބުވެޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށް އެކަން ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެންނަކަމަށްވެސް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ މިއީ ސިޔާސީ ގޮތުން ކުރި ހޯދުމަށް ގައުމީ މައްސަލަތަކުގެ ނިވަލުގައި އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކުރަމުންދާ މަަސައްކަތެއް ކަމަށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ސިޔާސީ އަދި ދީނީ ހަރުކަށި ފިކުރަށް ސަމާލުވެ އަބަދުވެސް އެ ފިކުރާއި ދެކޮޅަށް ސާބިތުކަމާއެކު ތިބުމަށް ރާއްޖޭގެ ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ. އަދި އެ ޕާޓީ އުފެދިގެން އައި ފަލްސަފާ ދިފާއުކުރުމުގައި ދެމި ތިބޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން