މާލެ ސަރަހައްދު ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ހިންގާ ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން ގާއިމުކުރި ކަރަންޓު ވިއުގައިގެ ގްރިޑްގެ ފުރަތަމަ ސާކިޓަށް ކަރަންޓުދީފިއެވެ.

ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.



ގްރޭޓަރ މާލެ ގްރިޑް އެނަރޖައިޒްކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، ސްޓެލްކޯއިން ބުނީ، ގްރޭޓަރ މާލެ ގްރިޑް އެނަޖައިޒް ކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބުކަމަށާއި އެ މަސައްކަތުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ކުރިމަތިނުވާކަމަށެވެ. އަދި ގްރިޑުގެ ފުރަތަމަ ސާކިޓް މިހާރު އެނަރޖައިޒް ކޮށްފައިވާކަމަށާއި، މި މަޝްރޫޢުގެ ދަށުން ހުޅުލޭ އިންޖީނުގެއާއި މާލޭ އިންޖީނުގެ ސިންކްރޮނައިޒް ކުރުމުގެ މަސައްކަތް މިއަދު ކުރާނެކަމަށެވެ.



މި ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުމަށް ސްޓެލްކޯއިން ތާވަލްކޮށްފައިވަނީ އަންނަ ބުދަދުވަހުއެވެ. އެދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށް މަސައްކަތް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަރޖައިޒްކުރުމުގެ މަސައްކަތެވެ.

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލެވޭ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން