06 ވަނަ އެޕިސޯޑް

==========

ޙުސްނީ ވަންގޮތަށް ވަދެ، ފުރަގަހުން އޭނަގެ ސިފައިގައި ހުރި މީހާގެ ކަރުގައި ހިފައި ހޫރާލިއެވެ. އޭރަކު އަދި ޙުސްނީއަކަށް އެމީހެއްގެ މޫނެއް ނުފެނެއެވެ.

[ހަޔާތްކުޑަ މީހާ....] އެހިނދު ޙުސްނީއަށްވެސް އޭނާގެ މޫނު ފެނިއްޖެއެވެ. އެއާއެކު އޭނާގަތީ އަމަށަކު ބިރެއް ނޫނެވެ. އޭނާ ބިރުގަނެ ފަހަތަށް ޖެހެން ފެށިއެވެ. އެހިނދު ވަރުގަދަ އަޑުފަށްގަޑަކާއެކު ގިނަ ދުންތަކެއް އަރައި، އެ ދުންތަކުގެ ތެރެއަށް ޙުސްނީގެ ސިފައިގައި ހުރި ޖިންނި ކަޝްފުވެއްޖެއެވެ. އެންމެންގެ ލޯމަތީގައެވެ. ޒައިހާ ރޮއިގެންފައި ހުސްނީގެ ގައިގައި އޮޅުލައިގަތެވެ.

އެރޭގެ ޙާދިޘާއަށްފަހު، ޙުސްނީވެސް ދުށީ، ޒައިހާ، އެ އެއްޗެއްގެ ކިބައިން މިންޖު ކުރުމަށްޓަކައި ފަންޑިތަވެރިއެއްގެ ޚިޔާލު ހޯދުމަށެވެ. އޭނާ ޚިޔާލު ބަދަލުކުރީ ރަޙްމަތްތެރިޔާ ބަޝީރާއެވެ.

[ތިޔަ ކަންތައްގަނޑެއް ހިނގާތާ މިހާދުވަސްވީއިރު، ކީއްވެތަ ކުރިން އަހަރެން ގާތު ނުބުނީ؟] ބަޝީރު ބުންޏެވެ.

[މިދުވަސް ނައިސްގެން އަހަރެން ނުބުނެހުރީ....އެކަމަކު ކުރިއަކުން އަހަރެމެން ނުދެނަހުރިން، މިއީ އެކަހަލަ ބިރުވެރި ކަމެއް ކަމަކަށް...ފިސާރި ތެދެއް މިބުނީ...ބިރުން ކިރިޔާ ހިތް ނުހުއްޓުނީ....] ޙުސްނީ ބުންޏެވެ.

[އެކަހަލަ ފަނޑިތައަށް އެންމެމޮޅުވާނީ ކާސިމްބެ. ހިނގާ އޭނަ ގާތަށް ދަމާ....] ބަޝީރު ހިނގައިގަތެވެ. އޭނާގެ ފަހަތުން ޙުސްނީވެސް ހިނގައިގެންފިއެވެ.

[އަދިވެސް އެމަންޖެ ރޮނީ....ބޮޑަށް ބިރުން އުޅެނީ. އަހަރެން މިހާރު އެބަ ވިސްނަން، އެ މަންޖެ އެދޭގޮތަށް މުއީޒާ ދެވަން...އޭރުން ހިސާބަކަށް ހަމައަކަށްވެސް އެޅިދާނެއެއްނު.] ބަޝީރާ ހަމަކޮށް ހިނގަމުން ހުސްނީ ވާހަކަ ދެއްކިއެވެ.

[އަހަރެންވެސް ތިހެން ބުނާނަމޭ ހިތާ މިހުންނަނީ. އޭރުން ކޮންމެވެސް ލުޔެއް ލިބިދާނޭ....] ބަޝީރުވެސް އިއްތިފާޤުވިއެވެ.

[ފުރަތަމަވެސް ތި ވިސްނުން އައިނަމަ، އޭއްޗަށް ފުރްޞަތު ކުޑަވީސް.] އަނެއްކާވެސް ބަޝީރު ބުންޏެވެ.

[ދެން ނުވިކަމެއްގެ ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތް....އަވަހަށް ހިނގާ، ކާސިމްބެއާ ބައްދަލުވޭތޯ ދާން.....] ހުސްނީ ހިނގުން ބާރުކޮށްލިއެވެ.

އެދުވަހު އެވެރިންނަށް ކާސިމްބެގެ ގެޔަށް ދެވުނުއިރު، ކާސިމްބެ އޭނާގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދެއެވެ. އޭނާ ކުކުޅު ބިސްތަކެއް ބޭނުންކޮށްގެން ކޮންމެވެސް ފަނޑިތައެއް ތައްޔާރު ކުރަނީއެވެ.

[އައްސަލާމް ޢަލައިކުމް....] ދޮރުމައްޗަށް ހުއްޓި ބަޝީރު ސަލާމް ގޮވާލިއެވެ.

[ވަޢަލައިކުމުއް ސަލާމް......އަނހަ ބަޝީރު.....] ކާސިމްބެ މަސައްކަތް ހުއްޓާލުމަށްފަހު، މެހްމާނުންނާ ދިމާއަށް އެނބުރުނެވެ. ކާސިމްބެގެ ހުއްދަ ލިބުމާއެކު، ބަޝީރާއި ޙުސްނީ އެތެރެއަށް ވަދެއްޖެއެވެ.

ކުޑަވަރެއްގެ ގުދަންގަނޑެއްހެން ސިފަވާ ކާސިމްބެގެ ކޮޓަރިތެރޭ ފުނިޖަހާފައިވާ ފޮތްބޮނޑިތަކާއި ބޭސްތަކުން މުޅި ތަންވަނީ ކުޑަވެފައެވެ.

[ބަޝީރު ކޮން ބޭނުމަކު....އަވަހަށް ބުނޭ ކާސިމްބެ ވަރަށްބޮޑު މަސައްކަތެއްގައި މިއުޅެނީވެސް.....] ކާސިމްބެ އެއްސެވެ.

ބަޝީރުގެ އިޝާރާތާއެކު ޙުސްނީ، ކަންތައް ވެގެން އުޅޭގޮތް ނިކަން ތަފްޞީލުކޮށް ކާސިމްބެއަށް ކިޔާދިނެވެ.

[ފިސާރި ތެދެއް!؟ ތިއީ ވަރަށް ނުރައްކާތެރި އެހާމެ ބުރަވެސް މަސައްކަތެއް...އެކަމަކު ތިމަންޖެ ތިކަމުން ސަލާމަތްކުރަން ޖެހޭނެ.] ކާސިމްބެ ފޮތްތައް ހާވަން ފެށިއެވެ.

[ދެން އަހަރުމެން ކޮންކަމެއްތޯ ކޮށްދޭންވީ؟] ޙުސްނީ ހުރީ ނިކަން ހާސްވެ ކަންބޮޑުވެފައެވެ.

[މިއީކީ ވަގުތުން ވަގުތަށް ނިމޭނެ މަސައްކަތެއް ނޫން. ފުރަތަމަ އަހަރެން ބަލަން ބޭނުންވަނީ، ތި ޖިންނިއަކީ ކިހިނެއް މިރަށަށް އަރައިގެން އުޅޭ އެއްޗެއްތޯ....] ކާސިމްބެ ފުރަތަމަ ބޭނުންވަނީ ފާލު ބަލައިލާށެވެ. އޭނާގެ ޙަޤީޤީ މަސައްކަތް ފަށައިގަނެވޭނީ އެއަށްފަހުގައި، ފާލުން ބުނެދޭގޮތެއްގެ މަތިންނެވެ.

[އޭތީގެ ކިބައިން އެމަންޖެ ސަލާމަތް ކުރެވޭނެތޯ؟....] ޙުސްނީ އަދިވެސް ބޭނުންވަނީ ކާސިމްބެގެ ކިބައިން ޔަޤީންކަން ލިބިގަންނާށެވެ. ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އުންމީދެއްގެ ސަބަބުންނެވެ.

[އޭތި އަންދާލައިގެންވެސް ތިކަމުން އެމަންޖެ މިންޖުކުރާނަން.] ނިކަން ޔަޤީންކަމާއެކު ޖޯޝްލާފައި ކާސިމްބެ ބުންޏެވެ.

އަބަދުވެސް އެފަދަ ކަންތަކުގައި އޭނާއަކީ ނިކަން ޖޯޝާއި ހިތްވަރާއެކު މަސައްކަތްކުރާ މީހެކެވެ. ބައެއް މީހުން އޭނާއަށް ޖިންނި ކާސިމްބެއޭ ކިޔަނީވެސް އެހެންވެގެންނެވެ.

[ކަލޭމެން ކުދިން ހިމޭނުންތިބޭ....މިއީ ފުރަތަމަ މަރްޙަލާ.] ކާސިމްބެ ފޮތް ހުޅުވާލުމަށްފަހު، ފާލުބަލަން ފެށިއެވެ.

މާގިނައިރެއްނުވެ، ފުރަތަމަ މަރްޙަލާއަށްފަހު، ކާސިމްބެ ބަޝީރުމެންނާ ދިމާއަށް އެނބުރުނެވެ.

[އެ ޖިންނިއަކީ އިންސާނެއްގެ ސިފައިގައި މިރަށުގެ ގެއެއްގައި ދިރިއުޅޭ އެއްޗެއް ކަމަށް އެބަ ދައްކާ....] ކާސިމްބެ ފުން ނޭވާއެއްލުމަށްފަހު، ކަންބޮޑުވެފައިވާފަދަ ގޮތަކަށް ބުންޏެވެ.

[ނޭނގޭނެތަ އޭތި އުޅެނީ ކޮން ގެއެއްގައި ކަމެއް....] ބަޝީރާއި ޙުސްނީއަށް، އެއްފަހަރާ ކަހަލަ ގޮތަކަށް އަހާލެވުނެވެ.

[ތިއީ އެހާ ފަސޭހަ ކަމެއް ނޫން...އަހަރެން ޖެހޭނީ ކިޔެވެލި ކިޔަވައިގެން އޭތި މިތަނަށް ގެންނަން.....އޭގެ ކުރިއަކުން ނޭނގޭނެ.....އެކަމަކު އެކަން ކުރަން ދެތިންދުވަސް ވާނެ.] ކާސިމްބެ ބުންޏެވެ.

[ދެން ކޮން ދުވަހަކުން އަހަރުމެން އަންނަންވީ؟] ބަޝީރު އެއްސެވެ.

[އަންނަ ބުރާސްފަތި ދުވަހު ހަވީރު އަހަންނާ ބައްދަލުކުރޭ. މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް އަހަރެން ހޯދާނަން.] ކާސިމްބެ މިހެން ބުނީމާ ހުސްނީއާއި ބަޝީރު އެގެއިން ނުކުމެއްޖެއެވެ.

ބުރާސްފަތި ދުވަހު ހަވީރު އަންނާނޭ ވާހަކަ ބުނެފައެވެ.

އެވެރިން ގެޔަށްދިޔައިރު، މަގުމަތިން މުއީޒާ ދިމާވިއެވެ. މުއީޒުމެން ގޭގެ ދޮރުމަތިންނެވެ. މުއީޒް ފެނުމާއެކު، ބަޝީރު ގައިގައި ޙުސްނީ ކޮއްޓާލިއެވެ. މުއީޒް ހުއްޓުވާށޭ ބުނާފަދަ އިޝާރާތަކުންނެވެ. އޭރު މުއީޒްގެ މޫނުމަތިން ހިސާބަކަށް ކަންބޮޑުވުމުގެ އަސަރު ފާޅުވޭވޭހުއްޓެވެ.

[މުއީޒް.....] ބަޝީރު މަޑުމަޑުން މުއީޒަށް ގޮވާލިއެވެ. މުއީޒް ހުއްޓި، ޙައިރާންވާފަދަ ގޮތަކަށް ޙުސްނީއަށް ބަލައިލިއެވެ. ބަޝީރާއި ޙުސްނީ މުއީޒާ އަރާހަމަކުރިއެވެ. އެއަށްފަހު، އިސްވެ ވާހަކަ ދެއްކީ ޙުސްނީއެވެ. ޙުސްނީ ފުރަތަމަވެސް މުއީޒްގެ ކިބައިން މަޢާފަށް އެދުނެވެ. އޭނާ ޒައިހާއާއި މުއީޒްގެ ކައިވެންޏާ ރުހޭ ވާހަކައާއި، އަވަހަށް ކައިވެނީގެ ކަންތައް ކުރިއަށް ގެންދިޔުމަށް ބުނީ، އެއަށްފަހުގައެވެ.

ވަގުތުން މުއީޒްގެ މޫނުމަތީގެ އަސަރު ބަދަލުވެއްޖެއެވެ.

[އަހަރެން ވަރަށް އުފާވެއްޖެ، ޒައިހާގެ ބައްޕައަށް ވިސްނުނީތީ....އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން....ބައްޕަ ޒައިހާއާ ވާހަކަ ދައްކައިގެން...] ޙަޤީޤަތުގައިވެސް މުއީޒް ވަރަށް އުފާވެއްޖެއެވެ. ވީހާވެސް އަވަހަކަށް ކައިވެނިކޮށް، ކާސިމްބެ ކުރަން އުޅޭ ކަންތައް ހުއްޓުވުމަކީ، މިހާރު އޭނާގެ ކޮނޑުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތެކެވެ.

ކާސިމްބެގެ މަސައްކަތް އޭނާ ނުހުއްޓުވައިފިނަމަ، އިންސާނީ ދަރިފަސްކޮޅުން އޭނާއަށް ކުޑަވެސް ފުރްޞަތެއްނެތި ބާކީވާނެއެވެ. ފަހަރެއްގައިވެސް އެއީ އޭނާ ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ. ލޯބީގެ މައިދާނަށް އޭނާއަށް ވަދެވިފައިވަނީ އިންސާނުންގެ ތެރެއިންނެވެ.

[ދަރިފުޅުވެސް ޒައިހާއާ ވާހަކަ ދައްކާލަންވާނެއެއްނު. ދޭ ގެއަށް ގޮސް އެމަންޖެއާ ބައްދަލުކުރޭ....] ހުސްނީ ބަޝީރާއެކު ހިނގައިގަންނަމުން ބުންޏެވެ. އުފާވެފައިވާ މުއީޒް، ދާނަމޭ ބުނެފައި ހިނގައިގެންފިއެވެ. ނަމަވެސް، އޭނާގެ މިޞްރާބު ހުރީކީ ޒައިހާއާ ބައްދަލުކުރާކަށް އެގެއާ ދިމާލަށްދާކަށް ނޫނެވެ.

އޭނާ ހިނގައިގަތީ ކާސިމްބެގެ ގެޔާ ދިމާއަށެވެ. އޭނާ ބޭނުންވަނީ ކާސިމްބެގެ މަސައްކަތަށް ކުޑަވެސް ފުރްޞަތެއްނުދީ ދާއިމަށް އެމަސައްކަތް ހުއްޓުވާލާށެވެ.

އެކަމަކު އޭނާގެ މަސައްކަތް އޭނާއަށް ކާމިޔާބު ކުރެވޭނީވެސް، ކާސިމްބެ އެކަމަށް ނުވިސްނައި ހުރިއްޔާއެވެ. ކާސިމްބެ އެކަމަށް ތައްޔާރުވެ ހުރެއްޖެއްޔާ، އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ.

އޭނާ ކާސިމްބެ ގޭދޮރުމައްޗަށް އެރިއިރު، އުނދޯލިގޭގައި ކާސިމްބެ އޭނާގެ އަބަދުވެސް އާދަފަދައިން ކޮންމެވެސް ފޮތެއް ކިޔަން އިނެވެ.

މުއީޒް ދޮރުމަތީގައި ހުއްޓިހުރެ ކާސިމްބެއަށް ގޮވާލައިފިއެވެ. ކާސިމްބެގެ މާބޮޑު ބާރެއް ނެތްކަން އެނގޭތީއެވެ.

[އަނހަ....ކޮން ކުއްޖެއް؟ އާދޭ އެތެރެއަށް....] ކާސިމްބެ ފޮތް ލައްޕާލުމަށްފަހު، މުއީޒާ މުޚާޠަބް ކުރިއެވެ. ނަމަވެސް، މުއީޒް ވަންނާކަށް ނޫޅެއެވެ. އޭނާ ކާސިމްބެ ނެރުމުގެ ޤަޞްދުގައި ކާސިމްބެއަށް ހަނާއެޅިއެވެ.

ކާސިމްބެ ތެދުވެގެން ހިނގައިގެންފިއެވެ. މުއީޒް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. ކާސިމްބެ ބޮޑަށް ބޭރަށް ނެރުމުގެ ޤަޞްދުގައެވެ.

[ތިއީ ކޮން ކުއްޖެއް...ކީއްކުރަން ތިއައީ؟] މުއީޒާ އަރާހަމަކޮށް ކާސިމްބެ އެއްސެވެ.

[އައިސްބަލަ ކާސިމްބޭ، މިދިމާ އަތިރިއާވީ ފަރާތުން ކަށިކެޔޮ ފަލުން ފާޑެއްގެ އެއްޗެއް ފެނިގެން މިއުޅެނީ....] މުއީޒް ހިނގައިގެންފިއެވެ. އެހެންހޭ އަވަހަށް ހިނގާބަލާށޭ ބުނެފައި، ކާސިމްބެ މުއީޒްގެ ފަހަތުން ހިނގައިގެންފިއެވެ.

ކާސިމްބެގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ، ޖެހިގެން އައި ދުވަހު މެންދުރެއްހާއިރު ވަލަށް ދަރު ހޯދަންދިޔަ އަންހެނުންތަކަކަށެވެ. ބޭރުފުށުން މާބޮޑު އަނިޔާތަކެއް ފެންނަން ނެތް ކަމުގައިވިޔަސް، ކަރުގެ ދެފަރާތުގައި ބޮޑު ދެލޯވަޅު ހުރިކަމަށްވެއެވެ. އެކަންވެސް ފެނިގެން ފާހަގަކުރީ، ކާސިމްބެ ހިނެވި މުދިމު ތައްޚާނެވެ.

[ކާސިމްބެވެސް މަރުވީ! އަހަންނަށް ހީވަނީ އޭތީގެ ކަމެއްހެން....މަރުވެފައި އޮއްވާ ފެނުނީވެސް ކެޔޮފީނިތެރެއިން....ބަޝީރު، ދެން ނުހުންނާނެތަ ފަންޑިތަ ހަދަން ދަންނަ އެހެން ރަނގަޅު މީހަކު......] މާޔޫސްވެފައިވާ ހާލުގައި ޙުސްނީ ވާހަކަ ދެއްކީ ބަޝީރާއެވެ.

[ދެން އެހެން ރަށަކަށް ގޮސް، ރަނގަޅު މީހަކު ހޯދާނީ. ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ، ކައިވެނީގެ ކަންތައް ހަމަޖެއްސުން. ކައިވެންޏަށްފަހު އެ ތުރާތަކުން މިންޖުވެދާނެހެން ހީވަނީ....] ބަޝީރު ލަފާކޮށްލިއެވެ. އެކަމަށް ޙުސްނީއާއި ބަދުރިއްޔާވެސް އިއްތިފާޤުވިއެވެ.

ވުމާއެކު، މުއީޒާއި ޒައިހާއާ ވާހަކަ ދެއްކުމަށްފަހު، އެ ހަފްތާގެ އެންމެފަހު ދުވަހު މުއީޒާއި ޒައިހާގެ ކައިވެނި ކުރެވުނެވެ. ކުޑަވަރެއްގެ ޙަފްލާއަކަށްފަހުގައެވެ.

ކައިވެންޏަށްފަހު ޒައިހާގެ ހިތް ނުތަނަވަސްވާން ފެށީ ކައިވެނީގެ ރެޔަށްޓަކައި ތައްޔާރު ކޮށްފައިވާ ކޮޓަރިއަށް ވަދެވުނީމައެވެ. އޭނަގެ ޙާލަތާ ދޭތެރޭ ވިސްނޭތީ، އޭނާ ދެރަވަނީއެވެ. ފިރިމީހާ ކޮށްފާނެ ސުވާލުތަކަށް އޭނާ ބިރުވެސްގަންނަނީކަންނޭނގެއެވެ.

ޒައިހާ ހެދުން ބަދަލުކޮށްގެން އާދޭ....] އެނދުގަ އޮށޯވެލަމުން މުއީޒް އެދުނެވެ. ނަމަވެސް، ގަބުއަރާފައި ޒައިހާ ހުރީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީކަންނޭނގެއެވެ. ނެގި މީހަކު އޭނާގެ ޒުވާންކަމުގެ ފައިދާ ނަގާފައިވަނީ ސިއްރުންނެވެ. އެކަމަކު ޒައިހާގެ އެއްވެސް ބާރެއްނުވެއެވެ. ޒައިހާ އެ ވިސްނަނީ އަމިއްލަ ނަފްސާ ދޭތެރެއެވެ. އަމިއްލަ ހާލު ފިރިމީހާއަށް އެނގޭހިނދު ކަންތައް ވެގެންދާނެގޮތް ނޭނގޭތީއެވެ.

އޭނާ ހީކުރެއެވެ. މުއީޒަކީ ހުޝިޔާރު މީހެއް ވެއްޖެއްޔާ، މަލުގެ ތާޒާކަން ނުވަތަ ތާޒާ ނޫންކަން ދެނެގަންނާނެއެވެ. އާ ކައިވެނީގެ ރޭ ވަރަށްގިނަ ފިރިހެނުން އެ ތަޖްރިބާ ކުރެއެވެ. އެއީ ބައެއް ފިރިހެނުން ނިކަން ފޯރިހުންނަވެސް ކަމެކެވެ.

[ޒައިހާ....ކޮންހާ ވިސްނުމެއް....އަވަހަށް އައިސްބަލަ....އާ ކައިވެނީގެރޭގެ މިއުފާވެރި ވަގުތު....ތިވަރަށް މޫޑް އޮފްވެފައި ހުންނާކަށް ނުވާނެ. އަނެއްކާ ޒައިހާ ބިރުގަންނަނީތަ؟] މުއީޒް އެނދުން ތެދުވިއެވެ. އިސްޖަހާލުން ފިޔަވައި އިތުރު ޙަރަކާތެއް ޒައިހާ ނުކުރެއެވެ. މުއީޒް އައިސް ޒައިހާއާ ދާދިގާތަށް ހުއްޓުނެވެ.

[މާގިނައިރުތަކެއްނުވެ ތިޔަ ލަދުވެތިކަންވެސް ފިލާފާނެ. ދޭ ފާޚާނާއަށް ވަދެ ތާޒާވެލައިގެން އާދޭ....] މުއީޒް ސީދާ ޒައިހާގެ ލޮލަށް ބަލަންހުރެ ބުންޏެވެ. ޒައިހާ އިތުރަށް ލަދުގަތީކަންނޭނގެއެވެ. އޭނާ ދެލޯ މަރާލިއެވެ.

[އަވަހަށްދޭ....މިއީ ލަދުވެތިވާންވީ ވަގުތެއް ނޫން....އުފާކުރަންވީ ވަގުތު....ދިގު އިންތިޒާރެއްގެ ނިމުން އައި މިއުފާވެރި ދަނޑިވަޅު، ތިގޮތަށް ފަސްޖެހިގެން ހުންނާކަށް ނުވާނެ....] މުއީޒް އޭނާ ލައިގެން ހުރި ގަމީސް ބާލާ ހަރުގަނޑުގައި ބާއްވާލަމުން ބުންޏެވެ.

ޒައިހާ މަޑުމަޑުން ހިނގާފައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.

ޙަޤީޤަތުގައި އޭނާ ލަދުގަންނަނީކީ ނޫނެވެ. އޭނާ ދެރަވަނީއެވެ. ބިރުވެސްގަންނަނީއެވެ. އޭނާއަށް ހީވަނީއެވެ. އޭނާއަކީ ޢިއްފަތްތެރި އަންހެން ކުއްޖެއް ނޫންކަން އެނގޭހިނދު، މުއީޒް އޭނާ ބާކީކޮށް އެކަހެރިކޮށްލާނެއެވެ. އާ ކައިވެނީގެ ހިތްހަމަޖެހުމެއް ނުލިބުނޭ ބުނެ، މުއީޒް އޭނާ ދެރަކޮށް ލަދުގަންނަވާފާނެއެވެ. އެހެންވެއްޖެ ހިނދެއްގައި، އޭނާގެ ޢިއްފަތުގެ މީރުކަން ލިބިގަތީ އިންސާނެއް ނޫނޭ ބުނަން އޭނާއަށް މަޖުބޫރުވާނެއެވެ. އެކަމަކު އެކަންވެސް ޤަބޫލުކުރާނީ ކޮންބައެއް ހެއްޔެވެ.

ޒައިހާ ފާޚާނާއަށް ވަންގޮތަށް ޚަބަރެއް ނުވާތީވެ، މުއީޒް ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. ގަޑިއަށްވެސް ބަލައިލުމަށްފަހުގައެވެ.

މާގިނައިރުތަކެއްނުވެއެވެ. މާ ގެނެސް، ދާނުގައި ބާއްވައިފިއެވެ. އަދި އެ މަލުގައި ފަރިކަން އެބަހުއްޓެވެ. ހެރިފައިވާ ކަށްޓެއްގެ އަސަރެއް، ބޭރުފުށަކުން ފެންނާކަށް ނެތެވެ. ދެލޯ މިހާރު އަމާޒުވެފައިވަނީ މަލުގެ ކަރުގަނޑާ ދިމާއަށެވެ. އާ އިޙްސާސްތަކެއް ނުކުރެވުނަސް، ބޭނުންވަނީ އެންމެ ފުރިހަމަ ގޮތުގައި ޙަޤީޤީ މިނިވަންކަމާއެކު، މަލުގެ ލައްޒަތު ލިބިގަންނާށެވެ. މާގިނައިރުތަކެއް ނުވެއެވެ. އުފާވެރި ބީހުންތަކަކަށްފަހު މަލުގެ ކަރުގަނޑު ތެމިއްޖެއެވެ.

ޒައިހާއަށް ރޮއިގަނެވުނީ ކުއްލިއަކަށެވެ. ލޯބިވެރިޔާ ފިރިމީހާ ކޮށްފާނޭ ސުވާލަކާމެދު ބިރުވެތިވަނީއެވެ. އެސުވާލަށް އޭނާއަށް ޖަވާބު ނުދެވިދާނެތީއެވެ.

[ޒައިހާ...ކިހިނެއްވީ؟ ނުރޮއި ބުނެބަލަ.] މުއީޒް ޒައިހާ އޭނާގެ މޭގައި ލައްކޮށްލިއެވެ. އޭރުވެސް ޒައިހާއަށް ރޮވެނީއެވެ. މުއީޒަށް ހީކުރެވުނީ ތަނަކަށް ތަދުވާތީ ޒައިހާ ރޮނީ ކަމަށެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން