ރާއްޖެއަށް މިހާރު ދިމާވެފައިވަނީ ރިޔާސީ ނިޒާމް ތަންފީޒު ކުރުމުގެ މައްސަލަ ކަަމަށާއި، ފުރިހަމަ ރިޔާސީ ނިޒާމެއް ރާއްޖެއަށް އަންނަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށާއި، އެހެން ނަމަވެސް އެނިޒާމް ހިންގުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ގާނޫނީ ނިޒާމްގެ ތެރެއިން އެ ދަތިތަށް ހައްލުކޮށް ފުރިހަމަ ރިޔާސީ ނިޒާމެއް ރާއްޖެއަށް އަންނަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ރިޔާސީ ނިޒާމްގައި ހުރި ގާނޫނީ ދަތިތައް އެބަޖެހޭ އިސްލާހުކުރަން. ނިޒާމީ ބަދަލުތައް ރާއްޖެއަށް ގެންނަންޖެހޭ ކަމުގައި ވަނީ ނަމަ، ރާއްޖޭގައި މިހާރު ދިމާވެފައިވަނީ ރިޔާސީ ނިޒާމް ތަންފީޒު ކުރުމުގެ ދިމާވެފައިވާ މައްސަލައެއް، ރިޔާސީ ނިޒާމަށް އަމަލުކުރުމުގައި އެގޮތުން ރިޔާސީ ނިޒާމްގައި ޕާޓީތަކުގެ ކޯލިޝަން އައުމާއި ކޯލިޝަންގެ ތެރެއިން ކަމަށް އެކަށީގެންނުވާ މީހުން އެކި މަގާމުތަކަށް އައުމާއި މި ބާވަތުގެ މައްސަލަތަކެއް އެބަހުރި، މިއީ ވެރިންގެ ފެންވަރުގައި އަޅުގަނޑަށް ފެންނަގޮތުގައި ރަނގަޅު ކުރެވިދާނެ ކަންތައްތަކެއް." ރިޔާސީ ނިޒާމް ހިންގުމުގައި ހުރި ދަތިތަކަށް އިޝާރަތް ކުރައްވަމުން އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަން ވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ، ވޭތުވެދިޔަ ފަނަރަ އަހަރުގެ ތެރޭގައި ރިޔާސީ ނިޒާމްގެ ތެރެއިން އުފެދުނު ކޯލިޝަންތަކުން އެންމެ އެދެވޭ ފުރިހަމަ ނަތީޖާއެއް ނިކުމެފައިނުވާ ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ކޯލިޝަންގެ ތެރެއިން ފުރިހަމަ ތަރައްގީއެއް ރާއްޖެއަށް ގެނެވިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިކަންތައްތަށް ހައްލު ކުރެވޭނެ ރަނގަޅު އޮނިގަނޑެއް އެބަޖެހޭ އަންނަން. އެއީ ބަރުލަމާނީ ނިޒާމްތޯ ނުވަތަ އެހެން ގޮތްތަކެއް މީގައި ހެދުންތޯ އެއީ ދެން ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ ފެންވަރުގައި މަޝްވަރާކުރަންޖެހޭ ކަމެއް." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ގެންދަވަނީ ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅުވެ އެ ނިޒާމް ގެނައުމަށް ވަރަށް ބޮޑަށް ވަކާލާތުކުރަމުންނެެވެ. ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރު ކަމަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ރައީސް ސޯލިހު އެކަމަށް އެއްބަސްވެވަޑައިނުގަތުމުން ރައީސް އަބުދު ﷲ ޔާމިނާއި ޕީޕީއެމްގެ އެހީތެރިކަމާއެކު ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން