އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅުވައިގެން އެމެރިކާއިން ޗައިނާގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކަކީ ބަލިމަޑުކަމާއި ދެކޮޅަށް އެމެރިކާއަށް ލިބިފައިވާ ނާކާމިޔާބީތައް ފޫބެއްދުމަށް ކުރަމުންދާ ކަމެއްކަމަށް ޖަރުމަނު ވިލާތުގެ އިންޓެލިޖެންސުން ބުނެފިއެވެ.

ޖަރުމަނުގެ އިންޓެލިޖެންސް ރިޕޯޓަކާއި ހަވާލާދީ ޑެ ސްޕީގެލް މެގެޒިންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯވިޑް-19 އުފެދުނީ ޗައިނާގެ ލެބެއްގައި ކަމަށާއި، ކޯވިޑް-19 ފެތުރުނީ ޗައިނާގެ ފަރުވާކުޑަކަމުންކަމަށް ބުނެ އެމެރިކާއިން ކުރަމުންދާ ތުހުމަތުތަކަކީ ހަގީގަތުގައި ބައްޔާއި ދެކޮޅަށް އެމެރިކާއަށް ލިބިފައިވާ ނާކާމިޔާބީތައް ފޮރުވާ އޮޅުވާލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ އާދީއްތަ ދުވަހު ވިދާޅުފައިވަނީ ވައިރަސް އުފެދުނީ ޗައިނާގެ ލެބޯޓްރީއަކުން ކަން ހާމަވާ ބައެއް ހެކި ހުރި ކަމަށެވެ. ނަމަވެސް އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީއިން ނެރުނު ރިޕޯޓުގައިވަނީ ވައިރަހަކީ މީހަކު އުފައްދާ ތައްޔާރުކޮށްފައިވާ އެއްޗެއްކަމަށް ނުފެންނަކަމަށެވެ.

ޖަރުމަން ވިލާތުގެ ބީއެންޑީ ސްޕައި އޭޖެންސީއާއި ހަވާލާދީ ސްޕީގެލް އިން ބުނީ އެމެރިކާއިން މިކުރާ ތުހުމަތުހެ ހެކި ހުށައެޅުމަށް ބީއެންޑީން އެދިފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާއިން އިސްނަގައިގެން ކުރިއަށް ގެންދާ ފައިވް އައިސް އެލަޔަންސްގައި ބައިވެރިވާ، އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުންވެސް، ޕޮމްޕެއޯގެ ވާހަކަތައް ގަބޫލުކޮށްފައެއް ނުވެއެވެ.

ޖަރުމަނުގެ ޑިފެންސް މިނިސްޓަރަށް ހާއްސަކޮށް ތައްޔާރުކުރި އިންޓެލިޖެންސް ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާއިން ކުރަމުންދާ ތުހުމަތުތަކަކީ ކޯވިޑް-19ގެ ހާލަތު ބެލެހެއްޓުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފެއިލްވެފައިވާތީ އެކަން ފޫބެއްދުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކެކެވެ.

ކޯވިޑް-19 އަކީ ޗައިނާގެ ލެބޯޓްރީއެއްގައި އުފެއްދި އެއްޗެއްކަން ކަށަވަރުވާ ހެކި ފެނިވަޑައިގެންފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިނަމަވެސް، އެ ހެއްކަކީ ކޮބައިކަމެއް ވިދާޅުވެފައެއް ނުވެއެވެ.

ދުނިޔެއިން 4 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު، މީގެ ބޮޑު އަދަދެއް ހިއްސާ ކުރަނީ އެމެރިކާއެވެ. އެމެރިކާއިން 1.32 މިލިއަން މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އެގައުމުން 78،616 މީހަކު ބަލީގައި މަރުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން