މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މަސް މާރުކޭޓް އިމާރާތުގެ މަތީގެ ދެ ފަންގިފިލާގައި ހުރި މީހުން ނިދާ ތަންތަނާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އެ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ރަސްމީ ލިޔުމެއް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ. އެންމެ ފަރާތަކުން ލިޔުން ހުށަހެޅި ނަމަވެސް އެ އިމާރާތުގެ އެހެން ތަންތަނުގައިވެސް މުދަލާއި ތަކެތި ހުރުމުން، އެ ތަންތަން ހުސްކުރަން ސިޓީ ކައުންސިލްގެ އިއުލާންގައި އަންގާފައިވެއެވެެ.

މަސް މާރުކޭޓުގެ މަތީގައި ހުރި "ލިސްޓޯ ފިހާރަ" ފިޔަވައި އެހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެ ތަންތަނުގައި ހުރި އެއްޗެހި އެންމެ ލަސްވެގެން މި މަހުގެ 28 ގެ ކުރިން ނަގައި ހުސްކުރަން ސިޓީ ކައުންސިލުން މިހާރު ވަނީ އަންގާފައެެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު އެއިދާރާއިން ނިންމާ ގޮތެއްގެ މަތިން އަމަލުކުރެވޭނެކަމަށެވެ.

"އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މިއިދާރާ އިން ޒިންމާ ނުވާނެ ވާހަކަ ވެސް އަންގައި އިއުލާން ކުރީމެވެ." ސިޓީ ކައުންސިލުން ނެރުނު އިއުލާންގައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން