މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެ އިތުރުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555494 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ ތަފާސްހިސާބަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް 564228 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހު 92103 ފަތުރުވެރިން، ފެބްރުއަރީމަހު 96882 ފަތުރުވެރިން، މާޗުމަހު 109585 ފަތުރުވެރިން، އޭޕްރީލްމަހު 91200 ފަތުރުވެރިން، މޭމަހު 64613 ފަތުރުވެރިން އަދި ޖޫންމަހު 56166 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިމަހުގެ ޓޫރިސްޓް އެރައިވަލް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 53679 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެ އިތުރުވެފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް، މާކެޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ބޯޑަރުތައް މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލިފަހުން، އެންމެ ގިނައިން އައިސްފައިވަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 24.3 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ 16.5 އިންސައްތައެވެ. އަދި 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ޖަރުމަންވިލާތުންނެވެ. އެގައުމުން 5 އިންސައްތަ ހިއްސާކުރެއެވެ.

ރާއްޖޭގައި މިވަގުތު 154 ރިސޯޓް، 434 ގެސްޓްހައުސް، 140 ސަފާރީ އަދި 10 ސިޓީ ހޮޓާ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ ގާތްގަނޑަކަށް 48366 އެނދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން