އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ދޫކޮށްފައިވާ ގޯތިތައް ނަގާނީ އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކޮށްފައިވާ 42 ގޯތި ނަގަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި އެ ގޯތިތައް ކުރިން އެ ހޮސްޕިޓަލް އަޅަން ކަނޑައެޅި، ހިތަދޫ ސްޓޭޑިއަމްގެ ދެކުނަށް އޮންނަ ބިމުން ދޭނެކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ގޯތިތައް ނަގަން ނިންމީ ހޮސްޕިޓަލާ ގުޅުންހުރި ކަަންކަމާއި އަދި އޭނޫން ވެސް އިޖުތިމާއީ ކަންކަމަށް ޖާގަ ދޭންކަމަށެވެ. އަދި ހޮސްޕިޓަލްގެ ޖާގަ އިތުރުކަރަން ޖެހުނަސް މިބިންތައް ބޭނުންކުރަން ޖެހޭނެތީ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މި ގޯތިތައް ބަދަލުކުރާނީ ގޯތީގެ ވެރިފަރާތަށް އަދުލުވެރި ބަދަލެއް ދިނުމަށްފަހުކަމަށެވެ. އަދި ބައެއް ގޯތިތަކަށް ބަދަލުދޭއިރު ދޭނީ ކުރިން ލިބިފައި ހުރި ގޯތިތަކަށް ވުރެ ބޮޑެތި ގޯތިތަކެއް ކަމަށާއި، އެގޮތުން ކުރިން 2400 އަކަފޫޓާއި 2500 އަކަ ފޫޓުގެ ގޯތި ލިބިފައި ހުރި މީހުންނަށް ދެން ދޭނީ 3000 އަކަފޫޓުގެ ގޯއްޗެއްކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ އިކުއަޓޯރިއަލް ސެންޓަރު އެޅުމަށްޓަކައި ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިން ވެސް ބަދަލު ދޭ ގޮތަށް އެ ތަނުން ބައެއް މީހުންގެ ގޯތިތައް ނެގިއެވެ. ނަމަވެސް އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވަމުން ގޮސް، އެންމެފަހުން އެމީހުންނަށް ބަދަލުދޭން ޖެހުނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙުސޭން

21-Jul-2021

ކޮބާތޯ އަދުލުވެރި ބަދަލަކީ? މިސާލަކަށް މާލޭގެ ރައްޔިތުން އަތުން ގޯތިތައްނަގާ ބަދަލެއްދީގެން ކޮންމެވެސް ރަށަކުން ގޯއްޗެއް ދިނީމަ މާލޭގެ ގޯތިން ހޯދޭނޭ މަންފާ އޭނާއަށާ އޭނާގެ ދަރިންނަށް ލިބޭނެ އެއްވެސް ގޮތެއް އޮންނާނެތޯ? ދީފަހުރި ގޯތިތައް ރައްޔިތުންގެ ރުހުމުވައި އެމީހުން ދީގެން ނޫންގޮތަކަށް ކައުންސިލުން ނިންމާ ނިންނުމަކުން ނެގިގެން ނުވާނެ.



ޓްރެންޑިން