ޢަރަފާތު ބިމުގައިވާ މަސްޖިދުއް ނަމިރާގައި މިއަދު ޙައްޖުގެ ޚުޠުބާ އިއްވަވާފައިވަނީ މަސްޖިދުލް ޙަރަމުގެ ޚަޠީބު ޝައިޚް ބަންޑާރް ބަލީލާޙެވެ. މާތް ވެގެންވާ މައްކާގެ އަރަފާތުބިމަށް އެއްވެ ތިބި އެތައް ސަތޭކަ ހައްޖުވެރިންނާއި މުހާތަބުކޮށް ދެއްވި މި ހުތުބާގައި ބުނީ މާތްﷲ އިންސާނުންނަށް ގުނާ ޢަދަދުނުކުރެވޭހާ ނިޢުމަތްދެއްވާފައިވާ ކަމަށެވެ. އަދި އެނިޢުމަތްތައް ދެއްވެވީ އަޅުތަކުންގެ ތެރެއިން އިޙްސާންތެރިވަނީ ކޮންބައެއްތޯ ބެއްލެވުމަށްކަމަށް ކީރިތި ޤުރުއާނުގައި ﷲ ބަޔާންކުރައްވާކަމަށް ޚުޠުބާގައިވެއެވެ. އަދި އެމީހަކަށް ދިމާވާ ދަތި އުނދަގޫތަކަށް ކެތްކޮށް އަންގަވާފައިވާ ފަދައިން އަޅުކަން އަދާކޮށްފިމީހާ އެމީހެއްގެ އަމިއްލަ ނަފްސަށް އިޙްސާންތެރިވެއްޖެކަމަށް ޚުތުބާގައިވެއެެވެ.

މީގެއިތުރުން ޚުތުބާގައި ބުނީ، ދީނާއި މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ އެދަރިންގެ މައްޗަށް މައިބަފައިން އަދާކޮށްދޭންޖެހޭ އިޙްސާންތެރިކަމެއް ކަމަށެވެ. ހަމައެއާއެކު ޤައުމުގެ މަސްލަޙަތު ދެމެހެއްޓުމާއި އަމާންކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަކީވެސް އިޙްސާންތެރިކަމުގެ ސިފަތައްކަމަށް ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. އިޙްސާންތެރިންދެކެ މާތްﷲ ލޯބިވެވޮޑިގަންނަވާކަން ޤުރުއާނުގައި ބަޔާން ކޮށްފައިވާއިރު، ފަސާދަކުރުމާއި ލޭއޮހޮރުވާ މީހުންނާ މެދު އެކަލާނގެ ނުރުއްސަވާކަންވެސް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އިޙްސާންތެރިވުމަށް ވެވޭ ކޮންމެ އަޙްދަކާމެދު ސުވާލުވެވޭނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެެ. އިސްލާމްދީނުގައި އިޙްސާންތެރިވުމަށް ބާރުއަޅުއްވާ މިންވަރު ބަޔާންކޮށްދެއްވަމުން ޚުޠުބާގައި ބުނެފައިވަނީ ޢަދާވަތްތެރިވެފައިވާ ދެމީހެއްކަމުގައިވީނަމަވެސް އެދެމީހުންވެސް އެކަކުއަނެކަކަށް އިޙްސާންތެރިވުމަށް ދީނުގައި ބަޔާންކުރައްވާފައިވާކަމަށެވެ. އަދި މުދާ ހޭދަކުރުމުގައި އިޙްސާންތެރިވުމަށާއި ދަރަނިއަށް އެދި އެކަމަށް ބޭނުންޖެހިފައިވާ މީހާއަށް ދަރަނި ދިނުމާއި މީހުންނާއި ރިވެތި ބަހުން މުޢާމަލާތު ކުރުމަކީވެސް މީގެ ތެރޭގައި ހިމެނޭ ކަންކަމުގެ ގޮތުގައި ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެެ. މީގެއިތުރުން ޙައްޖުގެ މަތިވެރިކަމާއި ޙައްޖުން ލިބިދޭ މަތިވެރި ޢިބުރަތްތަކާއި ފިލާވަޅުތައް ވެސް ޚުޠުބާގައި ވަނީ ބަޔާންކުރައްވާފައެވެ.

މީގެ އިތުރުން ޙައްޖުގެ ޚުޠުބާގައި މިއަހަރުވަނީ އަޅުކަމާއި އެހެނިހެން ދިރިއުޅުމުގެ ކަންކަން ފުއްދުމުގައި އިޙްސާންތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އެގޮތުން ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ނަމާދު ކުރުމާއި ޒަކާތްދިނުމާއި ރޯދަ ހިފުމާއި ޙައްޖުގެ އަޅުކަން އަދާކުރުމުގައި ﷲއަށް އިޙްސާންތެރިވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެެވެ. އަދި އެމީހަކާއެކު މަސައްކަތްކުރާ މީހުންނާއި އެމީހެއްގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ﷲ ހެއްދެވި ޖަނަވާރުންނަށްވެސް އިޙްސާންތެރިކޮށް ހިތުމަށްވެސް ޚުތުބާގައި ގޮވާލާފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން