ޕީޕީއެމްގެ ސަރުކާރުގައި ފުރަތަމަ އެއްމަސްދުވަހު ކުރި މަސައްކަތް އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރު ތެރޭގައިވެސް ކުރެވިފަައިނުވާ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.



ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ވިދާޅުވީ، މިހާރު ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލު ކަމާއި ގައުމުގެ ކަންކަން ރިވާސް ގިޔަރުގައި ހިންގަވާ މަންޒަރުކަމަށެވެ. އަދި މިއަދު ފެނިގެންދަނީ ފަހަތަށް ގައުމު ދާ މަންޒަރުކަމަށް މަލީހު ވިދާޅުވިއެވެ. މީގެއިތުރުން މަލީހު ވިދާޅުވީ، ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ ފެނިގެންދަނީ ބަޖެޓު ޑެފިސިޓްވެފައިވާ މަންޒަރުކަމަށެވެ. އަދި ފާއިތުވި ތިން އަހަރު ތެރޭގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ސަރުކާރަށް ގެނެވިފައިނުވާކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަގުތުން ވަގުތަށް މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި 2023 ވަނަ އަހަރު ގައުމުގެ ވެރިކަމަށް އަލުން ރައީސް ޔާމީން ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް މަލީހު ވިދާޅުވިއެވެ.

ކުރީގެ ރައީސުން ޖަލަށް ލައިގެން އަރުވާލާފައި ބައިތިއްބައިގެން ޑިމޮކްރަސީ ހަރުދަނާ ނުކުރެވޭނެ ކަމަށް މަލީހު ވިދާޅުވިއެވެ. މަލީހު ވިދާޅުވީ އާ އިންތިޚާބަކަށް ރައީސް ސޯލިހު ފުރުސަތު ދެއްވަންޖެހޭ ކަމަށާއި އެ އިންތިޚާބުގައި ރައީސް ޔާމިނަށާއި ރައީސް ނަޝީދަށް ވެސް ވާދަކުރެވެންޖެހޭނެ ކަމަށެވެ. މަލީހު ވަނީ ޕީޕީއެމާއި އަލުން ގުޅިވަޑައިގެންނެވި ސަބަބުތައްވެސް ހާމަކުރައްވާފައެވެ.

"އަޅުގަނޑު އެނބުރި ޕީޕީއެމަށް މިއައީ ވަތަނީ، ގައުމީ، ދީނީ ސިޔާސަތު، ގައުމަށް ހެއުއެދޭ ވިސްނުމުގެ ޕާޓީއަށް އަޅުގަނޑު އެނބުރި މިއައީ އަނެއްކާވެސް ޕީޕިއެމް ވެރިކަމަށް ގެނައުމުގެ މަސައްކަތަށް، އަޅުގަނޑު އެނބުރި މިއައީ ސިޔާސީ ގޮތުން ހުއްޓި ބޮއްސުންލައިގެންދާއިރު ދުރުގައި ބަލަން ހުންނަން ބޭނުންނުވާތީ." މަލީހު ވިދާޅުވިއެވެ.

ޕީޕީއެމުން ވަކިވެ ވަޑައިގަތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެ ޕާޓީގައި އެޅުވި ފަނިތަކެއްގެ ސަބަބުން ކަމަށް މަލީހު ވިދާޅުވިއެވެ.

"ކުޑަކުޑަ ވަގުތު ކޮޅަކަށް ޕީޕީއެމާ އެއްފަރާތަށް ދާން މަޖުބޫރުވީ އެމްޑީޕީ ތެރެއިން ފޮނުވި ފަނިތަކެއްގެ ސަބަބުން. އަޅުގަނޑު މިއަދު އުފާކުރަނީ އެ ހުރިހާ ފަނިތަކެއް މިއަދުވަނީ އަނބުރާ އެމްޑީޕީގެ ތެރެއަށް ގޮސްފައި. އެ ބޭފުޅުން ހަލާކު ކުރަމުން އެދަނީ." މަލީހު ވިދާޅުވިއެވެ.

މަލީހުގެ އިތުރުން ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވެސް ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން