އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިން މިއަދު ބޭނުންވާކަމަށް، އީދު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ނަމާދު ޖަމާއަތުގައި ކޮށްފައިވާއިރު، އީދު ހުތުބާގައި ގިނަ ކަންތައްތަކެއްގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

އެގޮތުން އިސްލާމް ދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލަމުން ބުނެފައިވަނީ މިއަދު ފެންނަމުން ދަނީ އިސްލާމް ދީނާއި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުމާއި، ނަބިއްޔާއަށް ފުރައްސާރަކުރަމާއި މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި އެތަންތަން ފޭރިގަންނަ މަންޒަރުކަމަށެވެ. އަދި މުސްލިމު ވެރިންގެ އަބުރަށާއި ފުރާނައަށް އަރައިގަތުމާއި އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ކެނޑުމާއި، މުސްލިމް އިލްމުވެރިންގެ ގަދަރު ވައްޓާލުމުގެ އަމަލުތަކުގެ އިތުރުން އިސްލާމީ ޔުނިވަސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަަކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.



މީގެއިތުރުން އިސްލާމްދީން މިވަނީ އެ ދީނުގެ ވަތޮނުގައި ބީރަށްޓެހިކޮށްފައިކަމަށާއި، ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު އުފުލަމުންދާކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އެހެންކަމުން އެ މީހެއްގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމް ދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުން ބޭނުންވާކަމަށާއި، އަދި އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންވެސް ބޭނުންވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

މިއަދުގެ ހުތުބާގައި މިއީދު ވާންޖެހޭނީ ނަފުސުތައް ޝަހަވަތްތަކުން މިނިވަންކޮށްދޭ، ހަސަދަވެރިކަމުންނާއި ރުޅިވެރިކަމުން ހިތްތައް ތާހިރުކޮށްދޭ އީދަކަށް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މި އީދު ވާންވާނީ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަ ކުރުމުން ދޫތައް ރައްކާތެރިކޮށްދޭ އީދަކަށް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތާއެއްގޮތަށް ދީފައިވާ ލުއިތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ނަމާދު ޖަމާއަތުގައި ކޮށްފައިވާއިރު، މާލޭގެ 39 މިސްކިތެއްގައި އީދު ނަމާދުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން