ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ތަސްދީގުކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިއަހަރުގެ ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް، މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރެއަށް އިތުރުކޮށްފައިވެއެވެ. އަދި ޓެކްސް ދެއްކުމަށް ދެވޭ ޚާއްޞަ އިސްތިސްނާތަކުގެ ތަފްޞީލުވެސް މިއިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ގިނަ އިޞްލާޙުތައް މި ބިލުގައި ވަނީ ހިމަނާފައެވެ.

މިގާނޫނުގައި ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނޫނީ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށާއި އެ ދާއިރާތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެގޮތުން ކަނޑައެޅޭ މަޝްރޫއުތަކާއި ދާއިރާތައް، ޓެކްސް ނެގުމުން އިސްތިސްނާކުރާ މުއްދަތު ބަޔާންކޮށް ގެޒެޓު ކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން