ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ފަހިވާގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލަކީ 2021 ޖުލައި މަހުގެ 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމާއި، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުޞޫލުތައް ކަނޑައެޅުމަށާއި މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެއެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެއެވެ.

މި ޤާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ. ޗީފް ސްޓެޓިސްޓީޝަން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުންވެސް މި ޤާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ. އަދި މި ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ތަސްދީގުކުރެއްވި ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، 2021 ޖުލައި 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި ބިލުގައި އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރި ގިންތިކޮށްފައިވާ މިންގަނޑުތަކަށް އިޞްލާޙު ގެނެސްފައިވެއެވެ. ހަމަ އެހެންމެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ޤާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ރާވައި، ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ، ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާވާ ކުންފުންޏެއް ޤާއިމުކުރަންވާނެކަމަށާއި އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2017 (20 މާޗް 2017) އިން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީ.ސީ.ސީ) ކަމުގައިވެސް މި އިޞްލާހުގައި ވެއެވެ.



މީގެ އިތުރުން މި އިޞްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ޚިދުމަތް ދެމުންދާ މަރުކަޒުތައް ބީ.ސީ.ސީއިން އަލުން ޤާއިމުކުރުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ޚިދުމަތް ދިނުމަށް އިތުރަށް ބޭނުންވާނެ މަރުކަޒުތައް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބީ.ސީ.ސީއިން ޤާއިމުކުރަންވާނެކަމުގައިވެސް އިޞްލާހުގައި ވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގެ އަށްވަނަ ބާބު ކަމުގައިވާ "ވަޒީފާ އަދާކުރާ ފަރާތްތަކާގުޅޭ" ބާބު ވަނީ މިއިސްލާހުގައި އުނިކޮށްފައެވެ. މީގެ އިތުރުންވެސް ޤާނޫނުގެ އެކި މާއްދާތަކަށް އިތުރު ތަފްޞީލުތަކާއި އިޞްލާޙުތައް މި ބިލުގައި ގެނެސްފައިވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙާއެކު ޤާނޫނަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން