އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ވެކްސިނާ ނުލައިވެސް ކޮރޯނާ ވައިރަސް ފިލައިގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކޮރޯނާވައިރަސް ނައްތާލަން ކޮންމެހެން ވެކްސިނެއް ބޭނުން ނުވާކަމަށެވެ. އެކަމާއި ގުލިގެން އިތުރަށް ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވަނީ އަދި ބަރޯސާވަނީ ޑޮކްޓަރުންގެ ބަހަށްކަމަށެވެ.

އެހެން ނަމަވެސް، ވައިޓްހައުސްގެ ކޯވިޑް-19 ޓާސްކްފޯސްގެ މެންބަރެއް ކަމަށްވާ، އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރު، ޑރ. އެންތަނީ ފައުޗީގެ ޚިޔާލު ރައީސް ޓްރަމްޕްގެ ޚިޔާލާ މުޅިން ދެކޮޅެވެ.

ވެކްސިނަކާއި ނުލައި ކޮރޯނާ ވައިރަހަށް ނިމުމެއް ނުވާކަމަށް ކުރީގެ ނައިބު ރައީސް އަދި 2020 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް، ޖޯ ބައިޑެން މިދިޔަ މަހު ވިދާޅުވި ބަސްފުޅަށް ތައީދު ކުރައްވައި ޑރ. ފައުޗީ ފޮކްސް ނިއުސްގައި ވާހަކަދައްކަވަމުން ވިދާޅުވީ އެއީ ތެދުވާހަކައެއް ކަމަށެވެ. ޑރ. ފައުޗީ އިތުރަށް ވިދާޅުވީ ވައިރަހާއި އިންސާނުންނާއި ދެމެދަށް އައިސް ވައިރަހާއި ހަނގުރާމަކުރެވޭނެ ސިއްހީގޮތުން ރައްކާތެރި ވެކްސިނެއް ސައިންސްވެރިންނަށް އުފެއްދިގެން މެނުވީ ވައިރަސް ނައްތާލެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އެހެން ނަމަވެސް، ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެކްސިނާއި މެދުގައި ދެކެވަޑައިގަންނަވަނީ ޓެސްޓުކުރުމާއި މެދު ދެކެވަޑައިގަންނަވާ ގޮތަށް ކަމަށެވެ. އެއީ ޓެސްޓު ކުރިނަމަވެސް ޓެސްޓުކުރާ ފަހުންވެސް މީހާ ޕޮޒިޓިވް ވާކަމެވެ. ހަމަ އެގޮތަށް އެތައް ރޯގާ އަކާއި ބަލި މަޑުކަމެއް އެއަށް ވެކްސިނެއް ނުލިބި އޮއްވާ ނެތި ގޮސްފައިވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެ ބަލިތައް އަނބުރައި ނާންނަކަމަށާއި، ކޯވިޑް-19 ވެސް ވަކި މުއްދަތަކަށްފަހު ފިލައިގެން ހިނގައިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މި މައުޟޫގައި ނޫސްވެރިން ކުރި އިތުރު ސުވާލުތަކާއި ގުޅިގެން ޓްރަމްޕް ރުޅި އިސްކުރައްވާ ވިދާޅުވީ، "(ކޯވިޑް-19ގެ ބަލިމަޑުކަން) ފިލައިދާނެކަމަށް ޑޮކްޓަރުން ބުނެފައިވޭ. އޭގެ މާނައަކީ މިއަހަރު ފިލައިދާނެޔޭ، ނޫނީ ދެން އަންނަ އަހަރު ފިލައިދާނެއެކޭ ނޫން. މިއަހަރުވެސް ހިނގައިދާނެ. ގަބޫލުކުރަންޖެހޭ ކަމަކީ، ކޮންމެވެސް އިރަކު، މި ބަލި ފިލައިގެން ދާނެ" ކަމަށެވެ.

މީގެ ހަފްތާއެއް ކުރިން ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮންފަރަންސެއްގައި ވެކްސިނެއް ނުލިބެނީސް އާންމު ހާލަތަކަށް ރުޖޫޢަ ވެވިދާނެކަމަށް ގަބޫލުކުރައްވަންތޯ ޑރ. ފައުޗީއާއި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ފައުޗީ ވިދާޅުވީ، އާންމު ހާލަތަކަށް ދިޔުމަކީ ދުވަހަކުވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަމެއް ނުފެތުރޭކަމަށް ހެދިގެން އުޅުން ކަމަށް ވާނަމަ އެކަން އެގޮތަށް ވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތައް ވާނީވެސް މުޅި އާބާދީ ފުރިހަމައަށް ރައްކާތެރިކުރުމުގެ ގާބިލްކަން ލިބިފައިވާ ހާލަތަކަށް އާދެވިގެންކަމަށް ޑރ. ފައުޗީ ވިދާލުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއްކޮށްފައިވާ އެމެރިކާއިން މިހާތަނަށް 1.32 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 78،616 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން