މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ
ކޮވިޑް-19 އާއިގުޅިގެން ހާލުގައި ޖެހިފައިވާ 71 އާއިލާއަކަށް އަހުލު ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.


އަހުލު ޕްރޮގްރާމަކީ ކޮވިޑް-19 އާއެކު ދިރިއުޅުމުގެ ހާލަތު ދަށްވެ، ދިރިއުޅޭ ރަށްނޫން އެހެން ރަށަކަށް ބަދަލުވާން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ ގޯތި ގެދޮރު ހަމަޖައްސައިދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، އެ އާއިލާއެއްގައި ހިމެނޭ ސްކޫލަށްދާ އުމުރުފުރައިގެ ކުދިން އެހެން ސްކޫލަކަށް ބަދަލުކުރުން ހިމެނެއެވެ. މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނީ އަހުލު ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 71 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އެހީއަށް އެދި ފޯމު ހުށަހަޅާފައިވާ 29 އާއިލާގެ ތެރެއިން މިހާތަނަށް 25 އާއިލާއަކަށް، އެއާއިލާތަކުގެ ރަށުގައި ވަޒަންވެރިވުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

15 އާއިލާއަކަށް 3 މަހުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި، 7 އާއިލާއަކަށް 6 މަހުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވާއިރު، 7 އާއިލާއަކަށް 20،000ރ. ގެ ލޯނު އެހީތެރިކަން ދީފައިވާނެ ކަމަށާއި، އިތުރު 11 އާއިލާއަކަށް ދަތުރުގެ ޚަރަދު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑްގެ ސަބަބުން ދިރިއުޅުމުގެ ހާލަތަށް ނޭދެވޭ އަސަރުކޮށް، އެހެން ރަށްރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޖެންޑަރ މިނިސްޓްރީން ހިންގާ މި ޕްރޮގްރާމަށް ސަރުކާރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ދަށުން ވަނީ 25 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މީގެ ތެރެއިން 10 މިލިއަން ރުފިޔާ ހަމަޖެހިފައިވަނީ މި އަހަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ 500 އާއިލާއަކަށް ލޯނުގެ ގޮތުގައި ދިނުމަށެވެ.

ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އެހީއަށް އެދުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. އަދި މި ފޯމް ހުށަހަޅަންޖެހެނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލެއްގެ އިދާރާއަށެވެ.

މިމައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަރަށް ފަހުން ވެސް ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. އެގޮތުން އެކި ބޭނުންތަކުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށް މާލޭގައި ދިރިއުޅެމުން ގެންދާ އަތޮޅުތަކުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ބަދަލުގައި އެމީހުން މާލެއިން ބޭލުމަކީ މިސަރުކާރުގެ ސިޔާސަތުކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ. އަދި އެމީހުން މާލެ ދޫކޮށްދިއުމަށް މިސަރުކާރަށް ނިންބަތްވާ ފަރާތްތަކުން ފާޅުގައި ވިދާޅުވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު