މުޅި މާލެ ސިޓީ ވައިފައިކުރުމުގެ މަސައްކަތްކުރުމަށް ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ބޮޑު ދެކުންފުނިން ވަރަށް އަވަހަށް ޕްރޮޕޯސަލް ހުށަހަޅާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ވައިފައި ކުރުމުގެ މަސައްކަތްކުރުމުގެ މަޝްވަރާތައް ސިޓީ ކައުންސިލުން ފަށާފައިވާއިރު، މާލެ ސިޓީ ވައިފައި ކުރުމަކީ ސިޓީ ކައުންސިލްގެ 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތެކެވެ.

އޮންލައިން އޮޅިއެއްގައި ކުރިއަށްދިޔަ މަޝްވަރާތަކެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މުޅި މާލެ ސަރަހައްދު ވައިފައިކުރުމުގެ ޕްލޭނެއް އެކުލަވާލާފައިވާކަމަށާއި އެންމެ ފުރަތަމަ ވައިފައިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މާލެ ސިޓީގައިކަމަށެވެ. އެގޮތުން ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ އުރީދޫއާއި ދިރާގާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ދިރާގާއި އުރީދޫއިން މާލެ ސިޓީ ވައިފައިކުރުމާއި ގުޅޭ ޕްރޮޕޯސަލެއް ހުށަހަޅާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލެ ވައިފައިކުރުމުގައި ކައުންސިލުން ގެންގުޅޭ ޕްލޭނަކީ ވީހާވެސް ގިނަ ޕަބްލިކް ސަރަޙައްދުތައް ވައިފައިކުރުންކަމަށެވެ. އެގޮތުން އާންމު މީހުންގެ އިމާރާތްތައް ފިޔަވައި އެހެން ތަންތަން ވައިފައިކުރުމުގެ ވިސްނުން އެބަހުރިކަމަށް މުއިއްޒު ވިދާޅުވިއެވެ. ކޮންމެ މީހަކަށްވެސް ވަކި ވަގުތެއް ވަންދެން ހިލޭ ވައިފައި ދިނުމަށްފަހު، ދެން ވައިފައިއަށް ޗާޖު ކުރެވޭ ކަހަލަ ގޮތަކަށް އެމަސައްކަތްކުރުމަށް ވިސްނަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލެ ސިޓީ ވައިފައިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާއިރު، ރާއްޖޭގައި ފޯރުކޮށްދޭ އިންޓަރނެޓްގެ ޚިދުމަތުގެ އަގުވެސް ސަރުކާރުން މިހާރު ވަނީ ކުޑަކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު