ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރެކޭ ޖަވާބުނުދޭ ފޯން ނަންބަރެކޭ ތަފާތެއް ނެތްކަމަށް ވިދާޅުވެ ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މަލީހަކީ މިސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވަޒީރުންގެ މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް މަލީހު ވަނީ ފަހުން އެމަޤާމުން ވަކިކޮށްފައެވެ. މަލީހު ވިދާޅުވީ ސަރުކާރު އޮތީ، ނުހިނގައި، ހުއްޓިފައިކަމަށާއި އިންވެސްޓްމަންޓެއްވެސް ރާއްޖެއަށް ނުގެނެވުނުކަމަށެވެ. އަދި ސަރުކާރުން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި ސަރުކާރު އޮޔާދާއިރު، އެކަންކަމަށް އޮތް ހައްލަކީ ވެރިކަމަށް ޕީޕީއެމް ގެނައުންކަމަށް މަލީހު ވިދާޅުވިއެވެ.



"އިންސާފުގެ ދަތުރުގެ އޮޑި ކަނޑުފެތި އޮޑީގެ ބައިތައް ރަށްރަށަށް އެބަ ލައްގާ. ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް." މަލީހު ވިދާޅުވިއެވެ.



ސަރުކާރުގެ ތަރައްޤީގެ ދުވެލި ލަސްކަމަށް ވިދާޅުވެ، މަލީހު ވާހަކަ ދައްކަވާފައިވާއިރު، އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަންގެ މެމްބަރުންވެސް އަންނަނީ ސަރުކާރުގެ މަސައްކަތުގެ ސްޕީޑް ދަށްކަމަށް ބުނަމުންނެވެ. އަދި މިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީވެސް ސަރުކާރުގެ ސަބަބުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަމަވެސް ރައީސް ޞާލިހުގެ ފެކްޝަންގެ އެމްޑީޕީ މެންބަރުންނާއި ސަރުކާރުގެ ބައެއް ބޭބޭފުޅުން މިކަން ދިފާޢު ކުރަށްވައި ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރު ވަރަށް ހަލުއި ކަމަށާއި ކޯވިޑްގެ މި ދަތި ހާލުގައި ވެސް ރައީސް ޞާލިހުގެ ވަޢުދުތައް ފުއްދުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން