ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 900 އަށްވުރެ ގިނަ މީހުން ލިބުނު ފްލެޓް އެހެން ފްލެޓަކަށް ބަދަލުކޮށްދޭން އެދިއްޖެއެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވާއިރު ފެލެޓް ލިބުނު ފަރާތްތަކުން އެތަނުގެ އެހެން ފްލެޓަކަށް ބަދަލުވާން ބޭނުން ނަމަ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން އެކަން ކުރެވޭނެ އިންތިޒާމް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވަނީ ހަމަޖައްސާފައެވެ.

ހިޔާ ފްލެޓް ލިބުނު މީހުންގެ ކަންކަމުގައި ހަރަކާތްތެރިވާ ހިޔާ ޔޫނިއަނުން ބުނީ، އެ ޔޫނިއަން މެދުވެރިކޮށްވެސް 900 އަށްވުރެ ގިނަ ފަރާތަކުން ފްލެޓް ބަދަލުކޮށްދިނުމަށް އެދިފައިވާކަމަަށެވެ. އަދި އޭގެތެރެއިން 150 ވަރަކަށް މީހުން ފްލްޓް ބަދަލުކުރުމަށް، ދެފަރާތް އެއްބަސްވުމަށްފަހު އެކަމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ޔޫނިއަނުން މައުލޫމާތުދޭ ގޮތުގައި މަތީ ބުރިތަކުން ފްލެޓް ލިބުނު ބައެއް މީހުން ތިރިއަށް ބަދަލުވާން ބޭނުންވާއިރު، ތިރީ ބުރިން ފްލެޓް ލިބުނު ބައެއް ފަރާތްތައް މައްޗަށް ބަދަލުވާން ބޭނުންވާކަމަށެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 900 އެއްހާ މީހުން ހިޔާ ޔޫނިއަން މެދުވެރިކޮށް ފްލެޓް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެޗްޑީސީ މެދުވެރިކޮށް އެމަސައްކަތްކުރަނީ ކިހާ މީހުނެއްކަމެއް ސާފެއްނުވެއެވެ.

ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅީ ގުރުއަތު ލައިގެންނެވެ. އެއަށްފަހު މިހާރު ކުރިއަށް ގެންދަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތެވެ. އީދު ބަންދަށް ސޮއިކުރުން މެދުކަނޑާލާފައި މިހާރު އޮތްނަމަވެސް ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން އަންނަ އާދިއްތަ ދުވަހު އަނެއްކާވެސް ފަށާނެއެވެ.

ހިޔާ ފްލެޓް މަޝްރޫޢަކީ ރާއްޖޭގެ ތާރީހުގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ފްލެޓް އެޅި މަޝްރޫޢެވެ. ފިނިޝިންގއާއެކު 5000 ވަރަކަށް ރުފިޔާއަށް ރައީސް ޔާމީންގެ ސަރުކާރުގައި ދޭން ކަނޑައެޅި ފްލެޓް، ރައީސް ޞާލިހުގެ ވެރިކަމުގައި އެންމެފަހުން ދޭން ނިންމީ ފިނިޝިންގ މަސައްކަތްވެސް ނުނިންމައި، 8500 ރުފިޔާގެ ކުއްޔަކަށެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ކުލި ކުޑަކުރުމަށް އާދޭސްކުރަމުންދާއިރު، ސަރުކާރުން މިކަމަށް ރަސްމީ ސިފައެއްގައި އިޖާބައެއް ނުދެއެވެ. ސަރުކާރުން ބުނަމުންދަނީ ހިޔާ ފްލެޓްގެ އަގު އެހާކުޑަވީ ކުރީ ސަރުކާރުން ގޯސްކޮށް ހިސާބު ޖެހުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން