ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުޤީޤަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ބޮޑު ތަހުޤީޤްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބޮމުގެ ހަމަލާގެ ތަހުޤީޤަށް އިޝާރަތްކުރައްވައި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މޭ 6 ހަމަލާގެ ތަހުޤީޤަކީ މިހާތަނަށް ފުުލުހުން ހިންގާފައިވާ އެންމެ ބޮޑު، އަދި އެންމެ ބުރަ ތަހުޤީޤްކަމަށެވެ. އަދި މި ތަހުޤީޤަކީ އެންމެ ކާމިޔާބު އެއްތަހުޤީޤްކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ގިނަ ގޮންޖެހުންތަކާއެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު، ތަހުޤީޤް ކާމިޔާބުކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަކަމަށެވެ.

އިމްރާން ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަަމަލާކަމަށްވާއިރު، ފުލުހުންގެ ތަހުޤީޤްގެ މައްޗަށް ބިނާކޮށް، ކާމިޔާބުކަމާއެކު މިމައްސަލައިގައި ދައުވާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕްރޮސެކިއުޓަރ ޖެނަރަލް ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެބައޮތްކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ ތަހުޤީގުގެ ބޮޑުބައެއް ނިމިފައިވާއިރު، ފުލުހުން މިހާރު ވަނީ މިމައްސަލައިގައި އެންމެ ފުރަަތަމަ ހައްޔަރުކުރި 4 މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވާފައެވެ. އަދި އިތުރު 6 މީހެއްގެ މައްސަލަ ތަހުޤީޤްކުރަމުންދާއިރު، އެމީހުންގެ މައްސަލަތައްވެސް ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން