ވެކްސިން ފުރިހަމަކޮށްގެން އަންނަ ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްތަކުގައި މާދަމާއިން ފެށިގެން ތިބެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މީގެކުރިން ކަނޑައަޅާފައިވާ އުސޫލު އޮތްގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ދެކުނު އޭޝިޔާ ސަރަހައްދުގެ ފަތުރުވެރިންނަކަށް ނުތިބެވޭނެއެވެ.

ނަމަވެސް މާދަމާއިން ފެށިގެން ދެކުނު އޭޝިޔާގެ ފަތުރުވެރިން ހިމެނޭގޮތަށް ހުރިހާ ގައުމުތަކެއްގެ ފަތުރުވެރިންނަށްވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ތިބެވޭގޮތަށް އެޗްޕީއޭއިން މިހާރުވަނީ ނިންމާފައެވެ. އަދި އެފަރާތްތަކާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށްވެސް ގެސްޓްހައުސްތަކުގައި ތިބެވޭނެކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ. މީގެއިތުރުން ފަތުރުވެރިން ރާއްޖެ އަންނައިރު 72 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި، ގެސްޓް ހައުސްތަކުން ޗެކްއައުޓްވާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަންޖެހޭނެކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިން ގެސްޓްހައުސްތަކަށް އާދެވޭނެ އުސޫލެއްވެސް އެކުލަވާލާފައެވެ. އެގޮތުން އެރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންނާއި ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތަކުގެ 90 އިންސައްތަ މީހުން އަދި އުމުރުން 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ، އެރަށެއްގެ ގެސްޓްހައުސްތަކުގައި ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ވެސް ތިބެވޭނެއެވެ.



އެޗްޕީއޭއިން ބުނީ ގައުމުތަކުގައި ކޯވިޑް ފެތުރޭ ހާލަތަށް ބެލުމަށްފަހު މި އުސޫލަށް ބަދަލުގެނެވޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު