މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަޞްރަކީ، އަޅުގަނޑުމެންގެ މެދުގައި މަޛްހަބީ ތަފާތެއް ނެތުމުން ލިބުނު ނަސްރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ޖިހާދުގައި، ޤައުމީ ބަޠަލުން ހޯއްދެވި ކާމިޔާބީގެ އަސްލަކީ، ރައްޔިތުން އެ މިނިވަންކަން ދިފާޢުކުރަން ބޭނުންވި މިންވަރާއި މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކޮންމެ ކަމަކަށް، ޢަމަލާއި ބަހުން ރައްޔިތުން ނޫނެކޭ ބުނަމުން ދިޔުންކަމަށެވެ.

ރައީސްގެ ހިތާބުގައި ރާއްޖޭގެ މިނިވަންކަން ގެއްލި، އަޅުވެތިކަމުގެ މަޅީގައި ޖެހުނު ކޮންމެ ފަހަރަކު، އެކަމަށް މަގުފަހިކޮށްދީފައިވަނީ، އަޅުގަނޑުމެންގެ ތެރެއިން އެއްބައިވަންތަކަން ގެއްލި، ބައިބައިވުން އުފެދުމުންކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން މިދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ޙުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖްތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުންކަން ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށްދެނީ، އަޅުގަނޑުމެންގެ މެދުގައި މަޛްހަބީ ތަފާތެއް ނެތުމުންކަމަށާއި އަޅުގަނޑުމެންގެ މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ކޮންމެ ޖިހާދެއްގައި ލިބުނު ނަޞްރަކީ، މިދެންނެވި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ނަތީޖާކަމަށް ރައީސް ވިދާޅުވިއެވެ.

"މިނިވަންކަމާއި ޞުލްޙަޔާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން އިސްލާމް ދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި ޢާންމުކުރުމަށް، ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި އެބަ މަސައްކަތްކުރޭ. މިއީ، މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިއަދުގެ ބައިނަލްއަޤުވާމީ މުޖްތަމަޢުން، ވަކިން ޚާއްޞަކޮށް ބައެއް އިސްލާމީ ޤައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަޞްލަކީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ ޢަމަލުތައްކަމަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ފެންނަން ފެށީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށި މަންޒަރުކަމަށާއި މިއަދު އެއިން ކޮންމެ ޤައުމަކީ، މިނިވަންކަމާއި ޞުލްޙަޔާއި ހަމަޖެހުން ގެއްލިފައި އޮތް ޤައުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް. އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމަޢެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ވެސް، މުޖްތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

"މިއީ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނުވާނެ އިޖްތިމާޢީ ވަރަށް ބޮޑު ދެ މައްސަލަ.އެހެން ނަމަވެސް، މި ދެ މައްސަލައިގެ ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުމެއް ނޫން. މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވާފައިވެއެވެ. އަދި ދިވެހިރާއްޖެ އާއި ދިވެހިންގެ މިނިވަންކަން ތާއަބަދަށް ރައްކާތެރިކޮށްދެއްވައި، އަންނަނިވި ޖީލުތަކަށް އެ މިނިވަންކަން ފޯރުވައިދިނުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ދަންނަވާފައިވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން