އަންނަ ހަފުތާގައި ރާއްޖޭގައި ފަށާ ވެކްސިން ޕްރޮގްރާމްގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ 90 އިންސައްތައަށް ވެކްސިން ދީ ނިންމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާގައި ދެއްވި ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޕްރޮގްރާމުގެ އަމާޒަކީ، ފުރަތަމަ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުންކަމަށާއި، އެއަށްފަހު މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތްކުރާނެކަމުގައި އެމަނިކުފާނު ފާހަަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެސްފައިވާކަން ހާމަކުރައްވައި، މިފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އެއްބައިވަންތަ ކަމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެހެން ކަންކަން ފަދައިން ކޮވިޑް-19 ގެ ބަލިމަޑުކަމާހުރެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތަކީވެސް މުޅި ޤައުމުގެ އެއްބައިވަންތަކަމާއި ރައްޔިތުންގެ އެއްބާރުލުމަށް ބޭނުންވެފައިވާ ޙާލަތެއްކަން ފާހަގަކުރައްވާފައެވެ. އަދި އަންނަ ޙަފްތާގެ ތެރޭގައި ސަރުކާރުން ފެށުމަށް ތައްޔާރުވަމުން އަންނަ ކޮވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލި އަޅުވާލެއްވިއެވެ.

ކޮވިޑް-19 އާ އެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ގޮސް ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ، ކޮވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު