ކުށްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ގާނޫނީ ފުރުސަތު އޮއްވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްޔިތުން ބިރުވެރި ހާލަތެއްގެ ތެރެއަށް ވައްޓާލަން ނުޖެހޭކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރުކަމާއި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމު އަދާކުރަށްވާފައިވާ، އަދި ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުވެސް މިހާރު ފުރުއްވާ ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.



ޑރ.ޝަހީމް ވިދާޅުވީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭފަދަ ހަލާތެއް އޮތްކަމަކަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މި ވަގުތަކީ ގާނޫނުއަސާސީ ނަގަހައްޓައި، ގާނޫނުތައް ހިންގާ، ގައުމީ މަސްލަހަތު އިސްކޮށް، ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނާއި މެދު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނާއި ފުލުހުންގެ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ގާނޫނީ ފުރުސަތު އޮއްވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގައުމުގެ އިގްތިސާދު ހަލާކުވެ، ރައްޔިތުން ބިރުވެރި ހާލަތެއްގެ ތެރެއަށް ވެއްޓުމުގެ ދޮރު ހުޅުވާކަށް ނުޖެހޭނެކަމަށެވެ.



އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަދު މެމްބަރުންކޮޅެއްގެ ވޯޓާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންވެސް ހިމެނޭއިރު، މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެކެވަޑައިގަންނަވާ ގޮތެއް ބަލަންޖެހޭނެކަމަށް އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންވެސް ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު