ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދުގައި ލޯ ޕްރެޝަރ ޓްރަފެއް އުފެދިފައިވާކަމަށްވެސް މެޓް އޮފީހުންބުނެއެވެ.

މެޓް އޮފީހުން މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް މޫސުމަށް ސަމާލުވުމަށް އަންގާ ވައިޓް އެލަރޓްވެސް ނެރެފައެވެ.



މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާއިރު، އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.

މެޓް އޮފީހުގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރުން ހއ. އާއި ހދ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވާރޭ ރިކޯޑްކުރެވިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެރަށަށް 23.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ރިކޯޑް ކުރެވިފައިވަނީ ހއ. ކެލާއެވެ. އެރަށަށް 17.6 މިލިލީޓަަރުގެ ވާރޭ ވަނީ ވެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން