އަހުމަދު މަސްނޫމް   27 ޖުލައި 2021 - 18:51
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްުދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރީއާއަށް ރޭ ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރގެ މި ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސްގެ ޙައިސިއްޔަތުން މިމަހުގެ 27 އިން 29 ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މީގެެއިތުރުން ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާއި، އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.



މި ދަތުރުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިޞަލާއި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ މަރިޔަމް އަފްނާން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އދ.ގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ބަލްގޭރިއާއަށް ޝާހިދު ދަތުރެއް ކުރައްވާއިރު، ޝާހިދު ދާދިފަހުން ވަނީ އިންޑިއާއަށްވެސް ރަސްމީ ދަތުރެއް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން