އެއްވެސް ދުވަސްވަރެއްގައި ބަނގުރާ ބޭނުން ކުރަށްވާފައި ނުވާނެ ކަމަށް ވިދާޅުވެ ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒް މާތް ﷲ ގަންދީ ހުވާކުރަށްވައި އޭނާއަށް ތުހުމަތުކުރި މީހަކަށް ޖަވާބުދެއްވައިފި އެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ އޭނާ ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކޮށްފައިވާކަމަށް އާންމުންގެ މީހަކު ކުރި ތުހުމަތުތައް ދޮގުކޮށް އެމީހާއަށް ރައްދު ދެއްވަމުންނެވެ. ބަނގުރަލުގެ ހުރި ނުބައިކަމާއި ގުޅޭގޮތުން އަލީ ރަމީޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓަކަށް އަޒްލިފާ އަހްމަދުގެ ނަމުގައި ބޭނުންކުރާ އެކައުންޓަކުން ކުރި ކޮމެންޓެެއްގައި، އަލީ ރަމީޒް ލަވަ ވިދާޅުވި ދުވަސްވަރު ބަނގުރާ ހިއްޕެވި ކަމަށް ވަނީ ތުހުމަތުކޮށްފައެެވެ.

"ތިބޭފުޅާ ފްރީޒް ބޭންޑްގައި ލަވަކިޔަން އުޅުނު އިރު ރާ ފޮދު ހިއްޕެވިއިރު ހަލާލްތޯ؟ އެވެސް ތޯތޯ ވާހަކައެއްތޯ ތިބޭފުޅާ ރާބުއިވާހަކަ؟" އަޒްލިފާ ނަމަކަށް ކިޔާ އެމީހާ ސުވާލުކުރިއެވެ.

އަޒްލިފާ އަށް ރައްދު ދެއްވަމުން އަލީ ރަމީޒް ވިދާޅުވީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ބަނގުރާ ހިއްޕަވާފައި ނުވާނެ ކަމަށެވެ. އަދި މަސްތުވާ އެއްވެސް އެއްޗެއްވެސް ބޭނުންނުކުރަށްވާ ކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

"ހަތް އުޑުގެ ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަޅުގަނޑުގެ ހަޔާތުގައި ދުވަހަކުވެސް ބަނގުރަލެއް ނުބޮމެވެ. އޭގެ ތިއްކެއްވެސް ދުލުގައި ޖައްސާ ނުލަމެވެ. އަދި މަސްތުވާ އެއްވެސް އެއްޗެއްވެސް ބޭނުން ނުކުރަމެވެ. އަލްހަމްދުﷲ. ކަލޭ ﷲ އަށް ތައުބާ ވާށެވެ." އަލީ ރަމީޒު ވިދާޅުވިއެވެ.

ބަނގުރާ ބުއިމަކީ މާތް ﷲ މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ކަމެކެވެ. އެކަމަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ބޮޑު ފާފައެކެވެ.

ބަނގުރަލުގެ ވާހަކަ މިއަދު ކުއްލިއަކަށް މީސްމީޑިއާގައި މާވަރުގަދައަށް ދެކެވެން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބަނގުރާ ހިއްޕަވާ ކަމަށް ދޭހަވާފަދަ ލިއުމެއް އާންމުވުމާއެކު ބައެއް މީޑިއާތަކުން އެ ޚަބަރު ގެނަސްދިނުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން