ކޯވިޑްގެ ހާލަތުން އަރައިގަތުމަށް އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ފްރަންޓްލައިން އެލަވަންސް ވަނީ 12731 ފަރާތަކަށް ދޫކޮށްފައެވެ. އެއީ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާއެވެ.

ކޯވިޑްގެ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރާ ފްރަންޓްލައިން މުވައްޒަފުންނަށް ޚާއްސަ ރިސްކް އެލަވަންސެއް ދޭން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހަކާ ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި، ލެބް ޓެކްނީޝަނުންނާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނާއި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި ނުވަތަ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނުނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން