އެމެރިކާގައި ބާއްވާ "ލަގްޒަރީ ޓްރެވެލް އެޑްވައިޒާސް އަލްޓްރާ ސަމިޓް"ގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 25 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ކުރިއަށްގެންދާ "ލަގްޒަރީ ޓްރެވެލް އެޑްވައިޒާސް އަލްޓްރާ ސަމިޓް" ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ޓެކްސަސްގައެވެ.

ދިވެހިރާއްޖެއިން މި ހާއްސަ ސަމިޓްގައި ބައިވެރިވުމުގެ މަޤްޞަދަކީ 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ލަގްޒަރީ ޓްރެވެލަށް ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުންކަމަށް އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ. މިއީ 2021 ވަނަ އަހަރު އެމެރިކާގެ މާކެޓަށް އަމާޒުކޮށް ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފިޒިކަލް އިވެންޓުކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މިސަމިޓުގައި ލަގްޒަރީ ކުންފުނިތަކަށް އެމެރިކާ ސަރަހައްދުގެ މާކެޓްތަކާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލަގްޒަރީ ޓްރެވެލް އިންޑަސްޓްރީގެ އެންމެ ފުންނާބުއުސް ވިޔަފާރިތަކާއެކު ބާއްވާ މި އިވެންޓްގައި ބައިވެރިވުމުގެ ދައުވަތު ދެނީ ލަގްޒަރީ މާކެޓްތަކުގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކުގެ ވެރިންނަށާއި، މެނޭޖަރުންނަށްކަމަށް އެމްއެމްޕީއާރްސީއިން ބުނެފައި ވެއެވެ.

މިސަމިޓުގެ އިތުރުންވެސް، އެމެރިކާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެކަަމަށް އެމްއެމްޕީއާރުސީން ބުނެފައި ވެއެވެ.

ކޯވިޑަށްފަހު މިދިޔަ އަހަރު ބޯޑަރު ހުޅުވާލިފަހުން އެމެރިކާ މާކެޓުން 27759 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން