ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު "ބުއިން" ހުއްޓަވާލެއްވުމުން ގިނަ ބަޔަކު އެކަމާ އުފާކުރާނެކަމަށް ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގައި ހަރާން ކުރައްވާފައިވާ ބަނގުރާ ހިއްޕަވާ ބޭފުޅެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. އެ ލިޔުމުގައިވާ ގޮތުން ރައީސް ނަޝީދު ވަނީ ރާ ފޮދު ހިއްޕެވުން އަމިއްލަ ފުޅަށް ހުއްޓާލައްވާފައެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްކަމަށްވާ، ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހު ވިދާޅުވީ ރައީސް ނަޝީދު ބުއިން ހުއްޓަވާލިކަން އިޢުލާން ކުރެއްވުމަކީ އެމްޑީޕީގެ ގިނަ މެމްބަރުންނާއި ރައްޔިތުން އުފާކުރާނެ ކަމެއްކަމަށެވެ. ނަމަވެސް ބުއިން ހުއްޓަވާލެއްވިކަމަށް ވިދާޅުވެ މަލީހު އެ އިޝާރާތްކުރެއްވީ ކޯޗަކަށް ކަމެއް މަލީހު ވިދާޅެއްނުވެއެވެ.



މަލީހު ވިދާޅުވީ އޭނާގެ އުއްމީދަކީ ރައީސް ނަޝީދަކީވެސް އަޚުލާގު ރަނގަޅު ބޭފުޅަކަށްވުންކަމަށެވެ. އަދި އެމަނިކުފާނުގެ އުޅުއްވުމާއި އާދަކާދަޔާއި ގުޅޭގޮތުން ދެވިފައިވާ ލަގަބުތައް މުރާޖައާވެގެން ދިއުމަކީވެސް އުއްމީދެއްކަމަށް މަލީހު ވިދާޅުވިއެވެ.



ލީކުވެގެން އުޅޭ ލިއުމަކީ ރައީސް މުޙައްމަދު ނަޝީދުގެ ނަފުސާނީ ޙާލަތު ވަޒަންކޮށް ސައިކޮލޮޖިސްޓަކު ދީފައިވާ ލިޔުމެކެވެ. ޑޮކްޓަރު ދީފައިވާ ލިޔުމުގައިވާގޮތުން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދަށް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ނުވަތަ ޕީޓީއެސްޑީ ހުރިތޯ ބެލުމަށް ހެދި އިވެލުއޭޝަނަށްފަހު އެފަދަ މައްސަލައެއް ނެތްކަން ޑޮކްޓަރު ވަނީ ފާހަގަކޮށްފައެވެ. އަދި ރައީސް ނަޝީދު އަމިއްލަފުޅަށް ބަނގުރާ ހިއްޕެވުން މިހާރު ހުއްޓަވާލައްވާފައިވާ ކަމަށާއި އެކަމާއި ގުޅިގެން މިހާރު އަވަހާރަފުޅު ލައްޕަވަން ފަސޭހަފުޅުވާނެ ކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދުވެސް، އަދި އެމްޑީޕީންވެސް ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ މިމައްސަލަ ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން