ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ބިދޭސީ ޓީޗަރުންނަށް ސްކޫލަށް ނުކުމެވޭނީ 5 ދުވަހުގެ ކަރަންޓީނަށްފަހުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުން ވަރކް ޕާރމިޓްގައި ރާއްޖެއަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯސްތައް ފުރިހަމަކޮށްފައިވާ ފަޜާތްތަކާއި ރާއްޖޭގައި ކޮވިޑް -19އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ދުވަސް ހަމަނުވާ ފަރާތްތައް ކަރަންޓީން ވާކަށް ނުޖެހެއެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ޙާލަތު އޮތްގޮތުން، މިގޮތަށް އަންނަ ފަރާތްތައް ރާއްޖެ އަންނަ ގޮތަށް ކަރަންޓީނުނުވެ ސްކޫލްތަކަށް ދިއުމުގައި ހުރި ކަންބޮޑުވުންތައް ކައުންސިލް އިދާރާތަކުން ހިއްސާކުރަމުންދާކަމަށެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓްރީއާއި އެޗް.ޕީ.އޭ އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ނިންމާފައިވަނީ، ރާއްޖެ އަންނަ ހުރިހާ ބިދޭސީ ޓީޗަރުންވެސް، ރާއްޖެ އަންނަ ތާރީޚުން ފެށިގެން 5 ދުވަހުގެ މުއްދަތަށް، އެދާ ރަށުގެ ދިރިއުޅޭ ތަނުގައި ކަރަންޓީންވާންޖެހޭގޮތަށެވެ. އަދި ސްކޫލަށް ނިކުމެވޭނީ 5 ދުވަސް ހަމަކޮށް ނެގެޓިސް ޕީސީއާރު ޓެސްޓަކާއެކުކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މީގެއިތުރުން އެކަޑެމިކް ސްޓާފުން ސްކޫލަށް ނުކުންނަންޖެހޭ ދުވަހާއި ގުޅޭގޮތުންވެސް އެޑިއުކޭޝަނުން މިއަދު ވަނީ ސަރކިއުލަރއެއް ނެރެފައެވެ. އެ ސަރކިއުލާގައި ވާގޮތުން 2022-2021 ގެ ދިރާސީ ކަލަންޑަރުގައި ކިޔަވައިދިނުމާއި ސީދާ ގުޅުންހުރި މުވައްޒަފުން ސްކޫލަށް ނުކުންނަންޖެހޭ ދުވަހެއްގެ ގޮތުގައި 3 އޯގަސްޓް ކަމަށް ކަނޑައަޅާފައި ވީ ނަމަވެސް އެފަދަ މުވައްޒަފުން މިހާރު ސްކޫލަށް ނުކުންނަން ޖެހޭ ދުވަހަކީ 5 އޮގަސްޓް ކަމަށެވެ. އަދި މިގޮތަށް ނިންމީ މިނިވަންދުވަހުގެ ބަންދާ ގުޅުވައިގެން ޖުލައި މަހުގެ 28 އަދި 29 ބަންދުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންކަމަށް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން 2022-2021 ގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން